ބ. ހިތާދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މުޅިން ނިންމާލެވިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެމްޓީސީސީ އިން ބުނެފިއެވެ.
މި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނީ، ބަނދަރުގެ އަމަލީ މަސައްކަތްތައް ނިންމާލާފައިވަނީ މި މަހުގެ 7 ވަނަ ދުވަހު ކަމަށެވެ.
ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަސައްކަތުގެ ދަށުން 22 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 495 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުންހިމެނެއެވެ. މީގެ އިތުރުން 350 މީޓަރުގެ ސަރަހައްދެއްގެ އެއްގަމުތޮށި ވަނީ މަރާމާތުކޮށްފައެވެ.
މި މަޝްރޫއުގެ ތެރެއިން ބަނދަރުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށްޓަކައި ބްރިޖެއް ހެދުމާއި، 1750 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި އުޅަނދުފަހަރު ބޭލުމާއި އެރުވުމަށް ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޕްލެޓްފޯރމެއް ހެދުމުގެ އިތުރުން، ރޭގަނޑު ވަގުތުތަކުގައި ބަނދަރު ބޭނުންކުރުމަށް ފަސޭހަވާނެހެން ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ވަނީ ނިންމާލާފައެވެ.
އެމްޓީސީސީން މައުލޫމާތުދޭ ގޮތުގައި ހިތާދޫ ބަނދަރުގެ މި މަޝްރޫއަކީ 2021 ވަނަ އަހަރު 25.3 މިލިއަން ރުފިޔާއަށް އެ ކުންފުންޏާ ހަވާލުކުރެވުނު މަޝްރޫއެކެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަނދަރުތައް ތަރައްޤީކުރުމާއި، ބާވެފައިވާ ބަނދަރުތައް މަރާމާތުކުރުމުގެ ގިނަ މަޝްރޫޢުތަކެއް ސަރުކާރުން މިހާރުވެސް އަންނަނީ ހިންގަމުންނެވެ.




