މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއި އެކު ވިއްސާރަ ކުރާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނިގޮތުގައި، ރާއްޖޭގެ އެކި ހިސާބަށް މިއަދު ގުގުރުމާއެކު ވިއްސާރަ ކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް ވަނީ ލަފާކޮށްފައެވެ.
މިއަދުގެ އިރު އޮއްސުމާ ހަމައަށް މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، ވައި ޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ.
ނަމަވެސް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން މަޢުލޫމާތު ދެއެވެ.
ކަނޑުގެ ހާލަތަށް ބަލާއިރު، ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ވިލާގަނޑުގައި އާދައިގެ ވަރަކަށް ކަނޑު ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ރާޅުގެ އުސްމިނުގައި ދެ ފޫޓާއި ފަސް ފޫޓު ހުންނާނެ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.




