ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން ވޯޓު ދެއްވުމަކީ، އެ ބޭފުޅުންވެސް ސަރުކާރު ބަރާބަރު ކަމަށް ވިދާޅުވުން ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ބ.ކެންދޫގެ ކައުންސިލާއި ޑަބްލިއުޑީސީގެ ހުރިހާ ގޮނޑިއެއް ޕީއެންސީއަށް ކާމިޔާބުވުން ފާހަގަކުރުމަށް އެ ޕާޓީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގަައި ވާހަކަދައްކަވަމުންނެވެ
މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށް ގެނައި ބަދަލުތަކާއެކު އަލަށް އައްޔަންކުރެއްވި ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުގައި ނެގި ވޯޓަކީ، ހަގީގަތުގައި މި ސަރުކާރަށް އިތުބާރު އޮތްތޯ ބެލުމަށް ނެގުނު ވޯޓެއް ކަމަށެވެ.
އަދި އެ ވޯޓުގައި އެމްޑީޕީގެ މެންބަރުން އަމަލުކުރެއްވި ގޮތުން، އެ ބޭފުޅުންގެ އިތުބާރުވެސް ސަރުކާރަށް އޮތްކަން ހާމަވެގެން ގޮސްފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މިގޮތަށް އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ރަނގަޅު ގޮތް އިހުތިޔާރުކުރައްވައިގެން އެގޮތަށް ވޯޓުދެއްވުން އެމްޑީޕީއަށް ބަލައިނުގަނެވުނު ކަމަށެވެ. ނަތީޖާއެއްގެ ގޮތުން މެންބަރުންނަށް އެކި ގޮތްގޮތުން ދުއްތުރާކޮށްގެން އެ މެންބަރުން ކުޑަކަކޫ ޖައްސުވާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރި ވިދާޅުވީ، އެމްޑީޕީއިން ކުރާ މަސައްކަތެއް ކުރަނީ ގައުމީ ވަތަނީ މަސައްކަތެއްގެ ގޮތުގައި ނޫން ކަމަށާއި، އެއީ ހަމައެކަނި ސިޔާސީ ގޮތުން އަމިއްލަ މަންފާތަކެއް ހާސިލުކުރުމަށް ކުރާ މަސައްކަތްތަކެއް ކަމަށެވެ.




