އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި މީހުންގެ އަބުރަށް އަރައިގަތުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ހަރާމްކުރައްވާފައިވާ، ބޮޑުވެގެންވާ ފާފައެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
”ނަފުސާއި އަބުރަށް ރައްކާތެރިވާށެވެ“ މި މައުޟޫއަށް މިއަދު ދިން ހުތުބާގައި ބުނީ، މާތް ﷲ ހުރުމަތްތެރި ކުރައްވާފައިވާ ނަފުސެއް ހައްގަކާ ނުލައި މެރުމަކީ ބޮޑުވެގެންވާ ފާފައެއް ކަމަށެވެ.
ހުތުބާގައި ފާހަގަކުރި ގޮތުގައި، އިންސާނުންނަށް މުސީބާތްތަކާއި ކުރިމަތިވަނީ އިމްތިހާނެއްގެ ގޮތުގައެވެ. އެފަދަ ހާލަތްތަކުގައި ކެތްތެރިވުމަށް އަންގަވާފައިވާއިރު، ކެތްތެރިނުވެ އަމިއްލަ ނަފުސަށް ގެއްލުންދިނުން ހުއްދަވާ އެއްވެސް ސަބަބެއް ނެތް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
”އަހަރެމެންގެ ނަފުސަކީ އަހަރެމެން ބޭނުން ގޮތަކަށް އެއާމެދު އަމަލުކުރެވޭނޭ އެއްޗެއް ނޫނެވެ. އޭގެ ވެރިފަރާތަކީ މާތް ﷲ އެވެ. ނަފުސަކީ އަމާނާތެކެވެ،“ ހުތުބާގައި ބަޔާންކޮށްފައިވެއެވެ.
އިސްލާމްދީނުގައި މީސްތަކުންގެ ފުރާނައާ އެއްވަރަށް އެބައިމީހުންގެ އަބުރު ވެސް ހުރުމަތްތެރިވެގެންވާކަން ފާހަގަކޮށް، ހަނގާކުރުމާއި، ފުރައްސާރަކުރުމާއި، ހުތުރު ނަންތަކުން ގޮވައި މަލާމާތްކުރުން އެއީ ބޮޑުވެގެންވާ ހަރާމް ކަމެއް ކަމަށް ބުނެ ހުތުބާގައި އެކަން ވަނީ ކުށްވެރިކޮށްފައެވެ.
މިއަދު މުޖުތަމައުގައި ފެތުރެމުންދާ ގަނާކުރުމުގެ ވަބާގެ ސަބަބުން މަރުވާ މީހުންނާއި ކުޑަކުދިންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކޮށް، މިއީ ނަރަކަވަންތަވެރިއަކަށް ވެދާނެ ފަދަ ބޮޑު ފާފައެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ. މީގެ އިތުރުން، ސައިބާ ކްރައިމްތަކާއި އިންސާނީ ވަގުފާރީގައި ހަރަކާތްތެރިވާ މީހުން ދެނެގަނެ، ގާނޫނާއި ގަވާއިދުގެ އެހީގައި އެކަންކަން ހުއްޓުވުމަށް ކަމާބެހޭ މުއައްސަސާތަކަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.
އަދި ބެލެނިވެރިންނާއި މުދައްރިސުން ދަރިންގެ ކަންކަން ގާތުން ބަލައި، އެކުދިންނަށް ދިމާވާ ހާސްކަމާއި ކަންބޮޑުވުންތަކުގައި އެހީތެރިވެ، އަމިއްލަ ނަފުސަށް ގެއްލުން ދިނުމަކީ ހައްލެއް ނޫންކަން ބުނެދިނުމަށް ވެސް އިރުޝާދު ދީފައިވެއެވެ.



