މަސައްކަތްތެރިން ވަމުންދާ ޤުރުބާނީ ބަލައިގަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފަސްޓް ލޭޑީ ވަނީ، މަސައްކަތްތެރިންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދިވެހި ހުރިހާ މަސައްކަތްތެރިންނަށް ފޮނުއްވާފައެވެ. އެކަމަނާގެ މެސެޖުގައި ދިވެހި މަސައްކަތްތެރިންނަށް އޮތް އިޚްތިރާމާއި ޤަދަރު ވަނީ ހާމަކުރައްވާފައެވެ.
ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ، ދިވެހި މަސައްކަތްތެރިންނަކީ ބުރަ މަސައްކަތެއް ކުރާ އަދި އެންމެންގެ އިޚްތިރާމް ލިބިފައިވާ ބައެއް ކަމަށެވެ. މިއަދު މި ދުވަސް ފާހަގަކުރަމުންދާއިރު އެ ފަރާތްތަކުގެ ޤުރުބާނީ ބަލައިގަންނަ ކަމަށާއި، މަސައްކަތްތެރިންގެ ހިތްވަރު އަބަދުވެސް ފާހަގަކުރައްވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
އެކަމަނާގެ ޕޯސްޓް ނިންމަވާލެއްވީ، ދިވެހިރާއްޖޭގެ އަލިގަދަ މުސްތަޤުބަލެއް ބިނާކުރުމަށް މަސައްކަތްތެރިން ކުރަމުންދާ މުހިންމު މަސައްކަތަށް ޝުކުރު އަދާކުރައްވަމުންނެވެ.
ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މޭއި މަހުގެ 1 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ މަސައްކަތްތެރިންގެ އަގުވަޒަންކޮށް، އެފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކޮށްދީ، މަސައްކަތްތެރިކަމަށް ހިތްވަރު ދިނުމެވެ.




