މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 730 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނީގެ މާލީ ރިޕޯޓުން ދައްކައިފިއެވެ.
މިއީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު އިތުރު އަދަދެކެވެ.
ދިރާގުން އާމްދަނީ ހޯދާ މައިގަނޑު ދެ ދާއިރާއަކީ މޯބައިލް ޚިދުމަތްތަކާއި، ފިކްސްޑް ލައިން، ބްރޯޑް ބޭންޑް އިންޓަނެޓް އަދި އެންޓަޕްރައިޒް ވިޔަފާރިތަކެވެ. އެ ކުންފުނިން އާންމުކޮށްފައިވާ މާލީ ރިޕޯޓުގައިވާ ގޮތުން މޯބައިލް ޚިދުމަތްތަކުން އެކަނިވެސް 405 މިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ.
މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު 397 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 2 އިންސައްތައިގެ ކުރިއެރުމެކެވެ.
މޯބައިލް ޚިދުމަތްތަކުން ލިބުނު އާމްދަނީ އިތުރުވި ނަމަވެސް، ފިކްސްޑް ބްރޯޑްބޭންޑް ޚިދުމަތުން ލިބުނު އާމްދަނީ ވަނީ ދަށްވެފައެވެ. ރިޕޯޓުގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މި ދާއިރާއިން ލިބިފައިވަނީ 303 މިލިޔަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު 310 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 2.4 އިންސައްތައިގެދަށްވުމެކެވެ.
ފައިދާއަށް ބަލާއިރު، ފުރަތަމަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި ދިރާގަށް ލިބިފައިވަނީ 256 މިލިޔަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު 295 މިލިޔަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ. ޓެކުހަށް ކެނޑުމަށްފަހު ލިބުނު ސާފު ފައިދާވެސް ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށްވެފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 220 މިލިޔަން ރުފިޔާއެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 252 މިލިޔަން ރުފިޔާކަމަށް ދިރާގުގެ ކުއާޓަރލީ ރިޕޯޓުން ދައްކައެވެ.




