ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުން އަންނަ ބުދަ ދުވަހު ބާއްވަން ނިންމައިފި އެވެ.
މި އިންތިހާބުގައި ދެ ކެންޑިޑޭޓަކު ވާދަކުރެއެވެ. އެއީ އެމްޑީޕީން އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ސޯދިގް (ސޯބެ) އަދި ޕީއެންސީން ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދު އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުން މި މަހުގެ ހަވަނަ ދުވަހު އިންތިޚާބާ ބެހޭ މަރުކަޒު، ޓްރެއިނިންގ ހޯލުގައި އޮންނާނެ ކަމަށެވެ.
ބައި އިލެކްޝަންސްގައި ވާދަކުރާނެ ކޮންގްރެސްގެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ޕްރައިމަރީ ބޭއްވިއެވެ. ޕްރައިމަރީ ކާމިޔާބުކުރީ އެ ދާއިރާގެ ކުރީގެ މެންބަރު ސިނާއެވެ. ނަމަވެސް ސިނާން ވަނީ ކޮންގްރެސް ޕާޓީއަށް ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކޮށްދެއްވުމަށް ކަމަށް ވިދާޅުވެ އެ ގޮނޑިއަށް ވާދަނުކުރައްވަން ނިންމަވާފަ އެވެ.
ކޮންގްރެސް ޕާޓީން ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި އެ ޕާޓީގެ ނާއިބު ރައީސް އަދި ދަނޑުވެރިކަމާއި މަސްވެރިކަމާއި ބެހޭ ވަަޒީރު އަހްމަދު ޝިޔާމް ވިދާޅުވީ ޕްރައިމަރީއެއް ދެން ބާއްވާނެ އިތުރު ވަގުތު ނެތުމުން ކޮންގްރެސްގެ ޓިކެޓް ޕްރައިމަރީގައި ދެން ވާދަކުރި ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދަށް ދޭން ނިންމާފައިވާ ކަމަށެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހުއެވެ.
ބައި އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ ދެ ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގަ އެވެ.




