އޭޕްރީލް މަހުގެ ނިޔަލަށް މަސްވެރިންނަށް 78 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިފްކޯއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ މަހު އެ ކުންފުންޏަށް މަސް ކިރުވި 1,068 ދޯންޏަކަށް ޖުމްލަ 78,778,405 ރުފިޔާ ވަނީ ޖަމާކޮށްދީފައެވެ.
މިދިޔަ މަހު މިފްކޯއަށް ޖުމްލަ 4,414 ޓަނުގެ މަސް ކިރުވާފައިވާއިރު، އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ކަޅުބިލަ މަހެވެ. އެގޮތުން ކަޅުބިލަ މަސްވެރިންނަށް 77,660,455 ރުފިޔާ ދޫކޮށްފައިވެއެވެ. މީގެ އިތުރުން 10 ކިލޯއިން މަތީގެ ކަންނެލި ކިރުވި 91 ދޯންޏަކަށް 115,600 ރުފިޔާ އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 196 ދޯންޏަކަށް 1,002,350 ރުފިޔާ ވަނީ ދޫކޮށްފައެވެ.
ސަރުކާރުން މަސްވެރިކަމުގެ ދާއިރާއަށް ގެންނަވަމުންދާ ބަދަލުތަކުގެ ދަށުން، މިހާރު މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން މަސްވެރިންނަށް ދޫނުކޮށް އޮތް 250 މިލިއަނެއްހާ ރުފިޔާ ދައްކާ ނިންމައި، މިހާރު އަންނަނީ ގަވާއިދުން ފައިސާ ދޫކުރަމުންނެވެ.
މިފްކޯއިން ބޮޑުކަންނެލި ގަންނަން ފެށުމަކީ ރައީސް މުޢިއްޒުގެ މުހިއްމު ވައުދުފުޅަކަށްވާއިރު، މިދިޔަ ޖަނަވަރީ މަހުން ފެށިގެން އެ ކުންފުނިން އަންނަނީ ކަންނެލި ގަންނަމުންނެވެ. މިހާރު މިފްކޯއިން ބޮޑުކަންނެލި ގަންނަނީ ކިލޯއެއް 25 ރުފިޔާގެ ރޭޓުންނެވެ.
މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި، މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު 16 ރުފިޔާއަށް ބޮޑުކުރުމާއި، މަސްވެރިންނަށް ވިއްކާ ތެލުގެ އަގު 13 ރުފިޔާއަށް ހެޔޮކުރުން ހިމެނެއެވެ.




