ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެޤައުމުގެ ރައީސް އަނޫރާ ކުމާރާ ދިސާނާޔަކައާ އެކު މިއަދު ރަސްމީ މަޝްވަރާތައް ބާއްވަވައިފިއެވެ.
މި ބައްދަލުވުން ކުރިއަށްދިޔައީ ކޮޅުނބުގެ ރެޒިޑެންޝަލް ސެކްރެޓޭރިއަޓްގައެވެ.
މި މަޝްވަރާތަކުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް އަވަށްޓެރި ގުޅުމުގެ މައްޗަށް ދެ ރައީސުން އަލިއަޅުއްވާލެއްވިއެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން 2025 ވަނަ އަހަރުގެ ޖުލައި މަހު ފާހަގަކުރި ފަހުން ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ. މީގެ އިތުރުން، ދެ ޤައުމުގެ ރައްޔިތުންގެ ދެމެދުގައި އޮތް ބަދަހި ގުޅުމަށާއި، ދެ ޤައުމުގެ ތަރައްޤީގައި ދެ ޤައުމުގެ ރައްޔިތުން އަދާކުރާ މުހިންމު ދައުރުގެ އަގު ދެ ބޭފުޅުން ވަނީ ވަޒަންކުރައްވާފައެވެ.
މި ރަސްމީ މަޝްވަރާތައް ނިންމަވާލެއްވީ އިޤްތިޞާދީ އެއްބާރުލުން، ޒުވާނުން ބާރުވެރިކުރުވުން، ތަޢުލީމު، ސަގާފަތާއި ތަރިކަ، ޞިއްޙަތާއި ސޯޝަލް ވެލްފެއާ، ސަލާމަތީ ގުޅުން އަދި މަސްވެރިކަން ފަދަ ދާއިރާތަކުން މިހާރު އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް ދެ ރައީސުން އިޤްރާރުވަމުންނެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.



