ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓުތަކުގައި ރާ ވިއްކަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް އެ އެއާލައިނުން މިއަދު ދޮގުކޮށްފިއެވެ.
މޯލްޑިވިއަން އިން ނެރުނު ބަޔާނެއްގައި ބުނީ، އެ އެއާލައިންގެ ފްލައިޓްތަކުގައި ފަސިންޖަރުންނަށް ރާ ވިއްކަން ފަށަން ނިންމާފައިވާ ކަމަށް ބުނެ ފެތުރެމުންދާ މައުލޫމާތަކީ އެއްވެސް އަސާސެއް ނެތް، ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
މޯލްޑިވިއަނުން މި މަހު 17 ގައި މާލެއިން އޮސްޓްރޭލިއާގެ މެލްބަންއަށް ސީދާ ދަތުރުތައް ފަށަން އުޅޭއިރު އެ ފްލައިޓްތަކުގައި ފަސިންޖަރުންނަށް ރާ ވިއްކަން އުޅޭ ކަމަށް ބުނާ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދައުރުވިއެވެ.
އެގޮތުން އެ ދަތުރުތަކުގައި ރާ ވިއްކާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ފަތުރާފައިވެއެވެ. ނަމަވެސް، މޯލްޑިވިއަން އިން ވަނީ ސައްހަކަން ކަށަވަރު ނުކުރެވޭ އެފަދަ މައުލޫމާތުތައް ހިއްސާ ނުކުރުމަށް އާންމުންގެ ކިބައިން އިލްތިމާސްކޮށްފަ އެވެ.
މޯލްޑިވިއަންގެ އޮޕަރޭޝަންތަކަށް ބަލާއިރު، އެ އެއާލައިންގެ އެންމެ ބޮޑު ބޯޓު ކަމަށްވާ އޭ330 ގައި ޗައިނާގެ އެކި ސިޓީތަކަށާއި ބަންގްލަދޭޝްގެ ޑާކާއަށް ކޮންމެ ހަފުތާއަކު ޝެޑިއުލް ދަތުރުތައް ކުރަމުންދެ އެވެ. އަދި ކުރިއަށް އޮތް ސްކޫލް ބަންދާ ދިމާކޮށް ތައިލެންޑަށް ވެސް ދަތުރުތައް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.
މީގެ ކުރިން ވެސް އެކި ދުވަސްތަކާ ދިމާކޮށް ސްރީލަންކާ، މެލޭޝިއާ އަދި ސައުދި އަރަބިއްޔާ އަށް މޯލްޑިވިއަން އިން ދަތުރުތައް ބާއްވާފައިވެއެވެ.
މީގެ އިތުރުން، މިއަހަރުގެ ހައްޖުގެ އަޅުކަމަށް ފުރާ ދިވެހިން އުފުލުމަށް ވެސް އެ އެއާލައިންގެ ދެ ފްލައިޓެއް މިހާރު ވަނީ ތާވަލުކޮށްފަ އެވެ.



