ދިވެހިރާއްޖޭގެ ހައްޖު މިޝަން މިއަދު މައްކާއަށް ފުރައިފިއެވެ.
މި މިޝަންގައި އިސްލާމިކް މިނިސްޓްރީގެ އިސް ބޭފުޅުންގެ އިތުރުން ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ނޫސްވެރިޔާ އައިމިނަތު ޝާޒިޔާ ހިމެނެއެވެ.
މިއަހަރުގެ ރާއްޖޭގެ ހައްޖު މިޝަންގެ އިސްވެރިޔަކަށް ހަމަޖައްސަވާފައި ވަނީ ޒަކާތު ހައުސްގެ ޑިރެކްޓާ ޖެނެރަލް ޝައިހް އިމްތިތާއު އައްބާސް އެވެ. އަދި މި އަހަރު ރާއްޖެއިން ހައްޖަށް ދާ ދިވެހިންގެ އިސް ޝައިހެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަންނަވާނީ އިސްލަަމީ ފަތުވާދޭ މަޖިލިސްގެ މެމްބަރު ޑރ. އިލްޔާސް ހުސެއިން އެވެ.
މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުން ފުރަން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. މިއަހަރުގެ ހައްޖު ދުވަހަކީ އަންނަ މަހުގެ 26 ވަނަ ދުވަހެވެ.
މިފަހަރުވެސް ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް ސައުދީ ސަރުކާރުން ވަނީ 1000 މީހުންގެ ކޯޓާއެއް ދީފައެވެ.
މި އަހަރު ހައްޖުވެރިން މައްކާއަށް ދިޔުމަށް ހަމަޖެހިފައިވަނީ ހަތަރު ދުވަހަކަށް ބަހާލައިގެންނެވެ. ހައްޖުވެރިން ޖިއްދާއަށް ދަތުކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަން އާއި ސައުދީ އެއާގައެވެ.
ދިވެހި ހައްޖުވެރިން ފުރުން އަދި އައުން ހަމަޖެހިފައިވާ ދުވަސްތައް
- ފުރުން 15 މެއި – އެނބުރި ރާއްޖެ އައުން ޖޫން 5 ގައި / ދަތުރުކުރާނީ ސައުދީ އެއާގައި
- ފުރުން 17 މެއި – އެނބުރި ރާއްޖެ އައުން ޖޫން 7 ގައި / ދަތުރުކުރާނީ މޯލްޑިވިއަންގައި
- ފުރުން 18 މެއި – އެނބުރި ރާއްޖެ އައުން ޖޫން 8 ގައި / ދަތުރުކުރާނީ ސައުދީ އެއާގައި
- ފުރުން 19 މެއި – އެނބުރި ރާއްޖެ އައުން ޖޫން 9 ގައި / ދަތުރުކުރާނީ މޯލްޑިވިއަންގައި
މި އަހަރުގެ ހައްޖުވެރިން މައްކާގައި ޖުމްލަ 21 ދުވަސް ހޭދަކުރާނެއެވެ. ހައްޖުގެ އަޅުކަން ނިންމުމަށްފަހު ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާނީ އަންނަ ޖޫން މަހުގެ 5 ވަނަ ދުވަހުން ފެށިގެން 9 ވަނަ ދުވަހުގެ ނިޔަލަށެވެ.



