ހުޅުމާލޭ ފޭސް އެކެއްގެ ޗެނަލް ސަރަހައްދަށް ކޯމަސްތަކެއް ވަދެ އުޅޭ ހިތްގައިމު މަންޒަރުތަކެއް ފެނި، ގިނަ ބައެއްގެ ސަމާލުކަން އެ ސަރަހައްދަށް ހުއްޓިއްޖެއެވެ.
މިއަދު މެންދުރު ގާތްގަނޑަކަށް 2:00 ޖަހާކަންހާއިރު އެ ސަރަހައްދަށް ވަން މި ކޯމަސްތައް އަދިވެސް އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
އާއްމުކޮށް މިފަދަ ސަރަހައްދުތަކުން ނުފެންނަ މި ހިތްގައިމު މަންޒަރު ބަލާލުމަށްޓަކައި ގިނަ އަދަދެއްގެ ބަޔަކު ދަނީ ޗެނަލް ސަރަހައްދަށް ޖަމާވަމުންނެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި، ބޮޑެތި މީހުންގެ އިތުރުން ރާއްޖެއަށް ޒިޔާރަތްކޮށްގެން އުޅޭ ފަތުރުވެރިންވެސް ހިމެނެއެވެ. އެ ސަރަހައްދަށް އެއްވެ ތިބި މީހުންގެ ތެރެއިން ބައެއް މީހުން ފޯނާއި ކެމެރާތަކުން ފޮޓޯ އާއި ވީޑިއޯ ނަގަމުންދާއިރު، ބައެއް މީހުން ވަނީ ކޯމަސްތައް ގާތުން ބަލާލުމަށްޓަކައި މޫދަށްވެސް އެރިފައެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މީސްމީޑިއާގައި އާއްމުކޮށްފައިވާ ޑްރޯން ވީޑިއޯއަކުން ފެންނަ ގޮތުގައި، ފަސް ވަރަކަށް ކޯމަސް އެ ޗެނަލް ތެރޭގައި ހަރަކާތްތެރިވަމުންދެއެވެ.
ވަރަށް ސާފުކޮށް އޮތް އެ ޗެނަލްގެ މޫދު ތެރޭގައި ކޯމަސްތައް ދަތުރުކުރަމުންދާއިރު، އެ ސަރަހައްދުން މަޑިއެއް ދަތުރުކުރާ މަންޒަރުވެސް އެ ވީޑިއޯއިން ފެނިގެންދެއެވެ.
މި ހިތްގައިމު މަންޒަރުތަކުގެ ވީޑިއޯތައް މީސްމީޑިއާގައި ދައުރުވަމުންދާއިރު، ގިނަ ބަޔަކު އަންނަނީ މިއީ ވަރަށް ހިތްގައިމު އަދި ބަލާލަން ރީތި މަންޒަރެއްގެ ގޮތުގައި ސިފަކުރަމުންނެވެ.



