ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތާއި ދިވެހި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ސްރީލަންކާގައި ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ވަޑައިގެންނެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދިވެހި ހައިކޮމިޝަނަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދުއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ހައިކޮމިޝަންގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރެއްވުމަށްފަހު، އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ.

މި ޒިޔާރަތުގައި ރައީސް ވަނީ ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތަކަށް ފުރަތަމަ ޕާސްޕޯޓް ރަސްމީކޮށް ހަވާލުކޮށްދެއްވާފައެވެ.
ސްރީލަންކާއަކީ ރާއްޖޭއިން ބޭރުގައި އައިޑީ ކާޑާއި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ލިބޭ ދެވަނަ ޤައުމެވެ. މީގެ ކުރިން މި ޚިދުމަތް ދޭން ފަށާފައިވަނީ މެލޭޝިއާގައެވެ. ދިވެހީން އާންމުކޮށް ގޮސް އުޅޭ އަދި ދިރިއުޅޭ ޤައުމުތަކުގައި މި ޚިދުމަތްތައް ފެށުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް މިހާރު ޕާސްޕޯޓާއި އައިޑީކާޑްގެ ޚިދުމަތް ވަނީ ޤާއިމްކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް ކުރައްވާ މި ދަތުރުފުޅުގައި ދިވެހި ހައިކޮމިޝަނަށް ޒިޔާރާތް ކުރެއްވުމުގެ އިތުރުން، ސޯސަންވިލާއަށާއި ސްރީލަންކާގެ ނެޝަނަލް މިއުޒިއަމްއަށް ޒިޔާރަތްކުރައްވައި އެ ތަންތަން ބައްލަވާލައްވާފައިވެއެވެ.



