މިދިޔަ އަހަރު ރާއްޖެއިން ބޭރުކުރި މަހުގެ އަދަދު %92 އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ރިޕޯޓުން ދައްކައިފިއެވެ.
2025 ވަނަ އަހަރު ރާއްޖެއިން ބޭރުކޮށްފައިވަނީ 36,538 މެޓްރިކް ޓަނުގެ މަހެވެ. މިއީ 2024ވަނަ އަހަރާއި އަޅާބަލާއިރު %92 އިތުރު އަދަދެކެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މަސް ބޭރުކުރި މިންވަރުގެ އިތުރުން މަސް ގަންނަ ކުންފުނިތަކުން މަސްވެރިންގެ އަތުން މަސް ގަތް މިންވަރު ވެސް ވަނީ މިދިޔަ އަހަރު ބޮޑުތަނުން އިތުރުވެފައެވެ.
2025 ވަނަ އަހަރު ރާއްޖެއިން ވަނީ ޖުމްލަ 36,538 މެޓްރިކް ޓަނުގެ މަސް ބޭރުކޮށްފައެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 92 އިންސައްތައިގެ ކުރިއެރުމެކެވެ. މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ގަނޑުކުރި ކަނޑުމަސް ބޭރުކުރި މިންވަރު 158 އިންސައްތަ އިތުރުވުމެވެ. އެއީ ގާތްގަނޑަކަށް 35,181.5 މެޓްރިކް ޓަނުގެ މަހެވެ.
މީގެ އިތުރުން، އެހެނިހެން ބާވަތްތަކުގެ މަސް އެކްސްޕޯޓް ކުރި މިންވަރު ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ގަނޑުކުރި ރީނދޫ އުރަހަ ކަންނެލި ބޭރުކުރި މިންވަރު 7 އިންސައްތަ (553.7 މެޓްރިކް ޓަނު) އިތުރުވެފައިވާއިރު، ދަޅުގައި ނުވަތަ ޕައުޗްގައި ބަންދުކޮށްގެން މަސް ބޭރުކުރި މިންވަރު ވަނީ 9 އިންސައްތަ (510.8 މެޓްރިކް ޓަނު) އިތުރުވެފައެވެ. އަދި ހިއްކި މަސް ބޭރުކުރި މިންވަރު ވަނީ 32 އިންސައްތަ (364.5 މެޓްރިކް ޓަނު) އިތުރުވެފައެވެ.
މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުން މަސްވެރިންގެ އަތުން މަސް ގަތް މިންވަރަށް ބަލާއިރު، 2025 ވަނަ އަހަރު ވަނީ 66 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. މީގެ މައިގަނޑު ސަބަބަކީ ކަނޑުމަސް ގަތް މިންވަރު 80 އިންސައްތަ ނުވަތަ 32,000 މެޓްރިކް ޓަނަށް އިތުރުވުމެވެ. ހަމައެއާއެކު، ރީނދޫ އުރަހަ ކަންނެލި ގަތް މިންވަރު ވެސް ވަނީ 20 އިންސައްތަ ނުވަތަ 2,000 ޓަނަށްވުރެ އިތުރުވެފައެވެ.
ރާއްޖެއިން ބޭރުކުރާ މުދަލުގެ އެންމެ ބޮޑު ހިއްސާއެއް މަހުގެ ބާވަތްތަކުން އަދާކުރާއިރު، ސަރުކާރުގެ އަމާޒަކީ މި ސިނާއަތުން އިޤްތިޞާދަށް ކުރާ ފައިދާ އިތުރުކުރުމެވެ. މިގޮތުން މަސް ޕްރޮސެސިން ކެޕޭސިޓީ އާއި މަސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.
ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި މަސް ޕްރޮސެސިން ކެޕޭސިޓީ 9 ގުނަ އިތުރުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.



