ދެމެހެއްޓެނިވި އިންވެސްޓްމެންޓުތަކަށް ރާއްޖެ ހުޅުވާލައި، ވާދަވެރި އިޤްތިޞާދެއް ބިނާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ސްރީ ލަންކާ އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ވިޔަފާރިވެރިންނަށް ބޭއްވި ”މޯލްޑިވްސް-ސްރީ ލަންކާ ބިޒްނަސް ފޯރަމް“ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރާއްޖެއިން އިންވެސްޓަރުންނަށް ފަހި މާހައުލެއް ޤާއިމްކުރުމަށް މުހިންމު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. ދެ ޤައުމުގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރޭއިރު، މިއީ އިޤްތިޞާދީ ގުޅުމާއި، އީޖާދީ ވިސްނުމާއި، އިސްތިރާޖީ ބައިވެރިވުން ހިމެނޭ ފަޚުރުވެރި ގުޅުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި ސަރުކާރުގެ ތަޞައްވުރަކީ 2040 ވަނަ އަހަރަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުން ކަމަށާއި، މި ސިޔާސަތުތައް ބިނާވެފައިވަނީ އިންސާނީ ވަޞީލަތާއި، ފަންނިއްޔާތު އަދި ތިމާވެށީގެ މައްޗަށް ކަމަށް ވިދާޅުވިއެވެ.
އިންވެސްޓްމެންޓްތަކަށް މަގުފަހިކުރުމުގެ ގޮތުން 40 އަހަރުވެފައިވާ ފޮރިން އިންވެސްޓްމެންޓް ޤާނޫނަށާއި ޤަވާއިދުތަކަށް އިސްލާހު ގެނެސްފައިވާކަން ރައީސް ހާމަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ އެތެރޭގެ ވިޔަފާރިތައް ހިމާޔަތްކުރާ މިންވަރަށް ބޭރުގެ އިންވެސްޓްމެންޓްތަކަށްވެސް އައު ދޮރުތައް ހުޅުވަމުންދާ ކަމަށެވެ. ޚާއްޞަކޮށް ޤައުމީ ތަރައްޤީގައި ބޭރުގެ ތަޖުރިބާއާއި ޓެކްނޮލޮޖީ ހޯދުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”ޤަވާއިދުތައް އިސްލާހުކޮށް އަޅުގަނޑުމެންގެ މުޢައްސަސާތައް ވަރުގަދަކުރުމަކީ އަޅުގަނޑުމެން މި ބައްޓަން ކުރަނީ ބައިނަލްއަޤްވާމީ ގޮތުން ވާދަވެރި އަދި ހުޅުވިފައިވާ އިޤްތިޞާދެއް. މިއީ އިންވެސްޓަރުންނަށް ޔަޤީންކަން ލިބި، އައު އިންވެސްޓްމެންޓް ކުރިއަރާނެ އިޤްތިޞާދެއް. މި އިސްލާހުތައް މިހާރުވެސް ދަނީ ނަތީޖާ ދައްކަމުން.“ ރައީސް ވިދާޅުވިއެވެ.
މިކަމުގެ މިސާލެއްގެ ގޮތުން ގޫގުލްގެ ދިވަރަ މަޝްރޫޢު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރާއްޖެއަށް އިންވެސްޓްމެންޓް ބޭނުންވާ ފަދައިން، ދިވެހި ވިޔަފާރިތަކުންވެސް ބޭރުގައި އިންވެސްޓްކުރަން ޝައުޤުވެރިވާ ކަމަށެވެ.
އަދި ލަންކާއަކީ މިކަމުގައި އިސްސަފުގައި ގުނާލެވޭ ޤައުމަކަށްވާއިރު، ދެ ޤައުމަށްވެސް އެންމެ ފައިދާހުރި ގޮތަކީ ދެކޮޅަށްވެސް ފަހި އިންވެސްޓްމެންޓް މާހައުލެއް އޮތުން ކަމަށް ވިދާޅުވެ، ލަންކާގެ ވިޔަފާރިތަކަށް ރާއްޖޭގައި ހުރި ފުރުސަތުތަކުގެ ބޭނުން ހިފުމަށް ރައީސް ދައުވަތު އެރުވިއެވެ.




