ފަތުރުވެރިކަމުގެ އިތުރުން، ރާއްޖެއަކީ އިންޑިއާ ކަނޑުގެ މުހިއްމު އިޤްތިޞާދީ މަރުކަޒަކަށް ހެދުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ކޮލަމްބޯގައި ކުރިއަށްދިޔަ މޯލްޑިވްސް – ސްރީލަންކާ ބިޒްނަސް ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.
މި ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ފެއްޓެވި ސިލްސިލާ ބިޒްނަސް ފޯރަމްތަކުގެ ތެރެއިން ބޭއްވުނު 10 ވަނަ ފޯރަމެވެ. މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ.
މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖެއަކީ ހަމައެކަނި ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމުގެ މަންޒިލަކަށް ހެދުމުގެ އިތުރުން، ވިޔަފާރިއާއި، ރައުސުލްމާލް އަދި އައު އީޖާދުތައް ގުޅުވައިދޭ އިންޑިއާ ކަނޑުގެ މުހިންމު އިޤްތިޞާދީ މަރުކަޒަކަށް ހެދުން ކަމަށެވެ. އަދި ރާއްޖޭގެ މާލީ ދާއިރާއާއި، ދަތުރުފަތުރާއި، އުފެއްދުންތެރިކަމުގެ އިތުރުން މަސްވެރިކަމުގެ ދާއިރާގައި ސްރީލަންކާގެ ކުންފުނިތަކުގެ ބައިވެރިވުން މިހާރުވެސް ބޮޑުކަން ފާހަގަކުރައްވައި، މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް އިތުބާރާއި ގާތްކަމުގެ ރަމްޒެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.
”ކުދި ޖަޒީރާ ގައުމުތަކަކަށް ވީތީ، ދެ ގައުމަށްވެސް ކުރިމަތިވަނީ އެއްގޮތް ހަގީގަތްތަކެއް. އެއީ މާކެޓް ކުޑަވުމާއި، ބޭރުގެ އިގްތިސާދީ ލޮޅުންތަކުގެ އަސަރު ފަސޭހައިން ފޯރުމާއި، އަދި އިގްތިސާދު ސިންދަފާތުކޮށް އައު އީޖާދުތަކުގެ އެހީގައި ގައުމުގެ ފުދުންތެރިކަން އިތުރުކުރަން ޖެހިފައިވުން. މި ގޮންޖެހުންތަކަކީ އަޅުގަނޑުމެން ގުޅިގެން މަސައްކަތްކުރުމަށް ލިބޭ ފުރުސަތުތަކެއްވެސްމެ.“ މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖެއާއި ސްރީލަންކާގެ ވިޔަފާރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާރު ރާއްޖެއިން ލަންކާއާއެކު ކުރާ ވިޔަފާރީގައި 166 މިލިޔަން ޑޮލަރަށްވުރެ ބޮޑު ޑެފިސިޓެއް އެބައޮތްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ބިޒްނަސް ފޯރަމްގެ ސަބަބުން ދެ ޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރި އިތުރަށް ފުޅާވެ، އިންވެސްޓްމަންޓްތައް އިތުރުވެގެންދާނެ ކަމަށް ސަރުކާރުން އުއްމީދު ކުރެއެވެ. އަދި ދެ ޤައުމު ގުޅިގެން ބޮޑެތި މަޝްރޫޢުތައް ހިންގައި، އިޤްތިޞާދީ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަކީ މި ފޯރަމްގެ މުހިންމު ބޭނުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.




