ތިލަމާލެ ބްރިޖުގައި އަޑިތަކެއް ހުރިކަމަށް ބުނެ ދައްކަނީ ހަޤީޤަތާއި ޚިލާފް ވާހަކަތަކެއް ކަމަށާއި، ބްރިޖުގައި އެފަދަ އަޑިތަކެއް ނުހުންނާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ.ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އިންޑިއާ ސަފީރު ޖީ. ބާލަސުބްރަމާނިއަންއާއެކު ކުރެއްވި ޒިޔާރަތަށްފަހު ދެއްވި އިންޓަވިއުއެއްގައެވެ.
މިނިސްޓަރު ވިދާޅުވީ ތިލަމާލެ ބްރިޖަކީ ވަރަށް ބޮޑަށް ޑިޒައިންކޮށް އިންޖިނިއާ ކުރެވިގެން ކުރިއަށްދާ މަޝްރޫއެއް ކަމަށެވެ. އަދި މިއީ ވަކިވަކި ސެގްމަންޓްތަކެއް ނުވަތަ ބައިތަކެއް ގުޅުވައިގެން ތަރައްގީކުރާ ސްޓްރަކްޗަރ އަކަށް ވުމުން، އެބުނާ ފަދަ އައިބެއް ހުރިނަމަ ހުރިހާ ބައިތަކެއް އެއްވަރަށް ނުގުޅޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”މިއީ ލެގޯއެއްގޮތަށް ވަކިވަކި ބައިތަކެއް ގެނެސް ގުޅުވާ ސްޓްރަކްޗަރ އަކަށްވާތީވެ އެބުނާ ކަހަލަ ޑިފެކްޓެއް ހުރިނަމަ ހުރިހާ ސެގްމަންޓެއް ގުޅިގެން އެއްވަރުވެގެން ނުއެއްދާނެ. މީގަ ކޮލިޓީގެ މައްސަލައެއްނޫޅޭ. އަޅުގަނޑުމެންނަށް ފެންނަނީ ދުރުން އިލޫޝަންއޭ،“ މިނިސްޓަރު ވިދާޅުވިއެވެ.
ބްރިޖުގައި އެއްވެސް ކަހަލަ ބެންޑްތަކެއް ނުހުންނާނެ ކަމުގެ ޔަގީންކަން ދެއްވަމުން މިނިސްޓަރު ވިދާޅުވީ މަސައްކަތް ކުރިއަށްދަނީ ކަނޑައެޅިފައިވާ ފެންވަރަށް ކަމަށެވެ.
މި ޒިޔާރަތުގައި މިނިސްޓަރާއި އިންޑިއާ ސަފީރު ވަނީ މަޝްރޫއުގެ ކޮންޓްރެކްޓަރު އެފްކޮންސް ކުންފުނީގެ އިސްވެރިންނާ ބައްދަލުކުރައްވައި، މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ. ސަރުކާރުގެ އަމާޒަކީ އިންޑިއާ ސަރުކާރާއި ކޮންޓްރެކްޓަރާ ގުޅިގެން މި މަޝްރޫއު ވީހާވެސް އަވަހަކަށް ނިންމާލުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
މަޝްރޫއުގެ ތާވަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، 2027 ވަނަ އަހަރުގެ ނިޔަލަށްތިލަފުއްޓާ ހަމައަށް ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމައި އާންމުންނަށް ހުޅުވާލެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ. މިހާރުވެސް މަޝްރޫއުގެ ބޮޑު ބައެއް ނިމިފައިވާއިރު، ބާކީ ހުރި މަސައްކަތްތައްވެސް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ތިލަމާލެ ބްރިޖަކީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށް ކުރިއަށްގެންދާ 6.7 ކިލޯމީޓަރުގެ ބިޔަ މަޝްރޫއެކެވެ. މިއީ މާލެ ސަރަހައްދުގެ އުމްރާނީ ތަރައްގީއަށް މިހާތަނަށް ހިންގޭ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާއިރު، މި މަސައްކަތް އަވަސްކުރުމަށް ސަރުކާރުން ދަނީ ހާއްސަ އިސްކަމެއް ދެމުންނެވެ.



