ތެލެސީމިއާ ތަޙައްމަލުކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ ބަދަހި ޤައުމެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިލްތިމާސްކުރައްވައިފިއެވެ.
ބައިނަލްއަޤުވާމީ ތެލެސީމިއާ ދުވަހާ ގުޅިގެން، ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ދުވަސް ހަނދާންކޮށްދެނީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުމަށް ކަމަށެވެ.
އަދި މި ދުވަސް ހަނދާންކޮށްދެނީ ކޮންމެ ދިވެހި ދަރިއަކާއި ޢާއިލާއަކަށްމެ މުޖްތަމަޢުގެ އެހީތެރިކަމާއި އެއްބާރުލުންދީ ބަދަހި ޤައުމެއް ބިނާ ކުރުމަށް ކަމަށް ރައީސް ވިދާޅިވިއެވެ.
”ތެލެސީމިއާ ތަޙައްމަލުކުރަމުންދާ ކޮންމެ ދިވެއްސަކީ އަޅުގަނޑުމެންގެ ދަރީން. އަޅުގަނޑުމެންގެ ޢާއިލީ މެންބަރުން.“ ރައީސް ވިދާޅުވިއެވެ.
އެ ފަރާތްތަކަށް މުޖްތަމަޢުގެ ފުރިހަމަ ލޯތްބާއި އަޅާލުން ބޭނުންވާކަން ރައީދް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ތެލެސީމިއާ ކުދިންނާއި އެ ޢާއިލާތަކަށް ބޭނުންވާ ޞިއްޙީ އަދި އިޖްތިމާޢީ ރައްކާތެރިކަމާއި ފުރުޞަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.
ތެލެސީމިއާ ދުވަސް މުޅި ދުނިޔޭގައި ކޮންމެ އަހަރެއްގައިވެސް ފާހަގަކުރަމުން ދަނީ މެއި މަހުގެ 8ވަނަ ދުވަހެވެ.
މިދުވަސް ފާހަގަކުރުމުގެ މަޤްސަދަކީ ތެލެސީމިޔާގެ ސަބަބުން މި ދުނިޔެއާ އަލްވަދާޢު ކިޔާފައިވާ ކުދިންގެ ހަނދާން އާކުރުމާއި ތެލެސީމިޔާއާ ހަނގުރާމަ ކުރަމުންދާ ކުދިންނަށް ރަނގަޅު ހަޔާތެއް ހޯދައިދިނުމަށް ބާރު އެޅުމެވެ.




