މިތިބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެކު ރައްޔިތުންގެ ފަޅީގައި ގަދަކޮށް ކަމަށާއި، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ރައީސް ކާމިޔާބު ކުރައްވާނީ ބޮޑު ތަފާތަކުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ ނިމިދިޔަ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި އއ. ހިމަންދޫއިން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައެވެ.
ރައީސްގެ ސިޔާސަތުތަކަށް ތަޢުރީފު ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، ދިވެހީން މިއަދު އަޒުމް ކަނޑައަޅަންވީ މި ޤައުމު ދެން ހަލަބޮލިކުރަން ފުރުސަތު ނުދިނުމަށް ކަމަށެވެ.
ސަރުކާރު ހަވާލުވިއިރު ޤައުމު ބަނގުރޫޓްވާނެ ކަމަށާއި މަދު މަސްކޮޅެއްގެ ތެރޭގައި ސަރުކާރު ވެއްޓޭނެ ކަމަށް އިދިކޮޅުން ބުނަމުންދިޔަ ނަމަވެސް، ވޭތުވެދިޔަ 21 ދުވަސްތެރޭ ސަރުކާރުން ވަނީ އެއް ބިލިއަން ރުފިޔާގެ ދަރަނި ދައްކާފައި ކަމަށް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރާއެކު ތަރައްޤީގެ މަޝްރޫޢުތައް ހިނގަމުންދާ ކަމަށާއި ރައްޔިތުން ތިބީ ރައީސްއާ އެކުގައި ކަމަށް ވިދާޅުވިއެވެ.
”އަޅުގަނޑުމެން މިތިބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއެކު ރައްޔިތުންގެ ފަޅީގައި ގަދަކޮށް، ބޮޑުކޮށް ވަރުގަދައަށް. ރައްޔިތުންގެ ފަޅި ބައްޔެއް ނުކުރެވޭނެ،“އަބްދުއްރަހީމް ވިދާޅުވިއެވެ.
ޕީއެންސީ ބައިބައިކުރުމަށް އިދިކޮޅުން ކުރާ މަސައްކަތްތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސްގެ ހިތްވަރު ބަލިކޮށްނުލެވުމުން މިއަދު ފެންނަނީ ޒާތީ ގޮތުން ދިމާކޮށް އަބުރު ކަތިލުމަށް މަސައްކަތް ކުރާ މަންޒަރު ކަމަށެވެ. ނަމަވެސް ރައީސަކީ އެފަދަ ކަންކަމަށް ރައްދު ދެއްވާނެ ބޭފުޅެއް ނޫން ކަމަށާއި، އެމަނިކުފާނު ރައްދު ދެއްވާނީ އަމަލީ ގޮތުން ނަތީޖާ ނެރުއްވައިގެން ކަމަށް ވިދާޅުވިއެވެ.
މުސްތަޤުބަލާ މެދު މާޔޫސް ނުވުމަށް އެދިވަޑައިގަންނަވަމުން އަބްދުއްރަހީމް ވިދާޅުވީ، ދެވަނަ ދައުރެއް ފުރިހަމަ ކުރައްވާނެ ފުރަތަމަ ރައީސަކަށް ރައީސް މުއިއްޒު ވެވަޑައިގަންނަވާނެ ކަމަށެވެ.



