ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ގުޅުވައިދޭ ޗެނަލް ޕާކުގެ މޫދަށް ކުނި ޖަމާވާ މައްސަލަ ހައްލުކުރުމަށްޓަކައި، އެ ސަރަހައްދުގައި ދާ ޖެހުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
އެޗްޑީސީން ބުނި ގޮތުގައި، އޮއިވަރާއެކު ޗެނަލް ޕާކުގެ ތެރެއަށް ގިނަ އަދަދަކަށް ކުނި ދައުރުވަމުންދާތީ، އެކަން ހުއްޓުވުމަށްޓަކައި މިހާރު ދަނީ ދާ ޖަހައިގެން ކުނި މަދުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ޗެނަލް ޕާކުގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމަށް އެޗްޑީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އެ ސަރަހައްދުގައި މުރަކަ އާލާކުރުމުގެ ހާއްސަ ޕްރޮގްރާމެއް ވެސް މިހާރު ވަނީ ފަށާފައެވެ. ޕާކުގައި މުރަކަ އާލާކުރުމަށް ހުރަސް އެޅޭނެ ކަމަށް ބުނެ އެޗްޑީސީން ވަނީ އެތަނަށް ކަނޑުއުޅަނދުފަހަރަށް ނުވަދެވޭ ގޮތަށް ވެސް ހަދައިފަ އެވެ.
މި ސަރަހައްދަކީ އާންމުންގެ މެދުގައި ވަރަށް މަގުބޫލު ތަނަކަށް ވާއިރު، މީގެ ދެ ދުވަހެއް ކުރިން އެ ޗެނަލްގެ ތެރެއަށް ކޯމަސް އައިނެއް ވަނުމާ ގުޅިގެން ގިނަ ބައެއްގެ ސަމާލުކަން އެ ސަރަހައްދަށް ވަނީ ހުއްޓިފައެވެ.




