ބޭންކް ކާޑު ކުއްޔަށް ދޭ މައްސަލަތައް އިތުރުވަމުންދާތީ، އެއީ ގާނޫނީ ގޮތުން ބޮޑު ކުށެއްކަން ފުލުހުން ހަނދާންކޮށްދީފިއެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނި ގޮތުގައި، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި، ހާއްސަކޮށް ޓިކްޓޮކް އަދި ޓެލެގްރާމްގައި ”ބޭންކް އެކައުންޓް ކުއްޔަށް ނަގަނީ“ ނުވަތަ ”ފަސޭހައިން ލާރި ހޯދުމަށް އެކައުންޓް ދީ“ ފަދަ އިޝްތިހާރުތައް ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
މިއީ އާންމުން މަގުފުރައްދައިގެން ކުށްތަކުގައި ބައިވެރިކުރުވުމަށް ހިންގާ އަމަލުތަކެއްގެ ގޮތުގައި ފުލުހުން ފާހަގަކުރެއެވެ.
ބޭންކް އެކައުންޓަކީ އަމިއްލަ އެއްޗެއްކަން ފާހަގަކޮށް ފުލުހުން ބުނީ، އެކައުންޓުގެ މައުލޫމާތާއި، ޕިން ނަންބަރު އަދި އޯޓީޕީ ފަދަ ސިއްރު މައުލޫމާތު އެހެން އެއްވެސް ފަރާތަކަށް ދީގެން ނުވާނެ ކަމަށެވެ. އެކައުންޓް ކުއްޔަށް ދިނުމަކީ މަނީ ލޯންޑަރިން ފަދަ ނުރައްކާތެރި ކުށްތަކަށް މަގުފަހިވާ ކަމެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
”އެމީހެއްގެ އެކައުންޓް ބޭނުންކޮށްގެން ކުރާ ކޮންމެ މުޢާމަލާތެއްގެ ޒިންމާ ނަގަންޖެހޭނީ ސީދާ އެކައުންޓްގެ ވެރިފަރާތުން ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން، މިފަދަ ކަމެއްގައި ބައިވެރިވެއްޖެ ނަމަ ޖިނާއީ ދައުވާ އުފުލުމުގެ އިތުރުން ބޭންކިން ހިދުމަތްތަކުން މަހްރޫމްވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ފުލުހުން ބުނެފައިވެއެވެ.
މިފަދަ ޕޯސްޓްތައް ސޯޝަލް މީޑިއާގައި ޝެއާ ނުކުރުމަށާއި، އެފަދަ ކަމެއް ފާހަގަވެއްޖެ ނަމަ ލަސްނުކޮށް ރިޕޯޓްކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި އެކައުންޓް ކުއްޔަށްދޭ ފަރާތްތަކާއި ކުއްޔަށް ނަގާ ފަރާތްތަކާ މެދު މާލީ އިދާރާތަކާ ގުޅިގެން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ބުނެ އެވެ.
މި މައްސަލައާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވެސް ވަނީ އެކައުންޓްތައް ކުއްޔަށް ދޭ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށް ބުނެ، ކަސްޓަމަރުން މިކަމަށް ސަމާލުވުމަށް މީގެ ކުރިން އިލްތިމާސްކޮށްފައެވެ.



