ދިވެހި ސިފައިންނަކީ އަމިއްލަ ނަފުސަށްވުރެ ޤައުމު އިސްކޮށްގެން މަސައްކަތްކުރާ ބައެއް ކަމަށާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތީ ރަތް ރޮނގު ހިމާޔަތްކޮށްދެނީ ސިފައިންގެ ބުރަ މަސައްކަތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި، މަޤާމާ ހަވާލުވެވަޑައިގަތް ފުރަތަމަ ދުވަހު ދިވެހި ޤައުމާއި އުޚާތުގެ ވާހަކަ ދެއްކެވީ ހިތުގެ އެންމެ ފުންމިނުން އެކަން އެގޮތުގައި އަބަދުވެސް ގަބޫލުކުރައްވާތީ ކަމަށް ފާހަގަކުރެއްވިއެވެ. އަދި ސިފައިން ޤައުމަށްޓަކައި ކުރާ މަސައްކަތަކީ ނަމޫނާ މަސައްކަތެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ސިފައިންގެ ޢާއިލާތަކުން ކުރަމުންދާ ޤުރުބާނީތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެ ޢާއިލާތަކުން ތަޙައްމަލްކުރަމުންދާ ކަންކަމުގެ ނަތީޖާއަކީ ސިފައިންގެ މިންނެތް މަސައްކަތް ދިވެހި ރައްޔިތުންނަށް ފުރިހަމައަށް ލިބިގެންދިޔުން ކަމަށެވެ. މީގެ އިތުރުން، ވޭތުވެދިޔަ ދެ އަހަރާއި ހައެއްކަ މަސްދުވަހުގެ ތެރޭގައި ސިފައިންގެ ޚިދުމަތް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިގޮތުން ސިފައިންނަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށްދިނުމާއި، ޢުމްރާނީ ބޮޑެތި މަސައްކަތްތަކެއް ފެށިގެން ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. ސިފައިންގެ ޤާބިލުކަން އިތުރުކޮށް، ޚިދުމަތް ފުޅާކުރުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދޭ ކަމެއް ކަމަށްވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.



