އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޮރ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް (އޭއައިބީޑީ) އިން އިންތިޒާމުކޮށްގެން ރާއްޖޭގައި ބާއްވާ އޭޝިއާ މީޑިއާ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ސައުތު އޭޝިއަން އެސޯސިއޭޝަން ފޯރ ރީޖަނަލް ކޯރޕަރޭޝަން (ސާކް) ގެ ސެކްރެޓަރީ ޖެނެރަލް ގޯލަމް ސަރުވާރު ރާއްޖެ ވަޑައިގެންފިއެވެ.
ސާކްގެ ސެކްރެޓަރީ ޖެނެރަލް ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޕަބްލިކް ސަރވިސް މީޑީއާ (ޕީއެސްއެމް) ގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބާއި، ޗެއަރޕަރސަން އައިމިނަތު ނަމްޒާއެވެ.
ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ އިތުރުން، ޓިމޯ ލެސްޓްގެ ސްޓޭޓް ސެކްރެޓަރީ ފޮރ ސޯޝަލް ކޮމިއުނިކޭޝަންސް އެކްސްޕެޑިޓޯ ލޯރޯ ޑިއާސް ޒިމެނެސް ވެސް ވަނީ މި ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް މިއަދު ރާއްޖެ ވަޑައިގެންފައެވެ.
މިމަހުގެ 11 އިން 14 އަށް ވިލާ ނޯޓިކާ ރިސޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ސަމިޓުގެ މިއަހަރުގެ ޝިއާރަކީ ”މޯލްޑިވްސް 2.0 ފްރޮމް ޓްރެޑިޝަން ޓު ޓެކް” އެވެ. މި ސަމިޓުގައި އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ޤައުމުތަކުގެ ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ އިސް ފެންވަރުގެ 200 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ސަމިޓުގެ ހަރަކާތްތައް ފެށުމުގެ ގޮތުން މިމަހުގެ 11 ވަނަ ދުވަހު ޕްރީ ސަމިޓް 5 ވޯކްޝޮޕެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ވޯކްޝޮޕްތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވޭނީ ސްޓޯރީ ޓެލިންގއާއި ނިއުސް ޕްރޮޑަކްޝަންގައި އޭއައި ޓޫލްތައް ބޭނުންކުރުމާއި، ޑިޖިޓަލް މީޑިއާގެ އިތުބާރު ހިފެހެއްޓުމުގެ އިތުރުން މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމުގައި މީޑިއާގެ ދައުރާ ގުޅޭގޮތުންނެވެ.
ސަމިޓް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. 13 ވަނަ ދުވަހުގެ ނިޔަލަށް ސަމިޓުގެ ޕްލިނަރީ ސެޝަންތައް ކުރިއަށްދާއިރު، ސަމިޓުގެ ހުރިހާ ހަރަކާތްތަކެއް ނިންމާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 ވަނަ ދުވަހު ކުޑަގިރީގައި ބާއްވާ ޚާއްޞަ މުރަކަ އިންދުމުގެ ހަރަކާތަކުންނެވެ.
މި ސަމިޓަކީ ސަރަޙައްދީ ފެންވަރުގައި ޒިންމާދާރު ބްރޯޑްކާސްޓިންގ ޚިދުމަތެއް ދިނުމާ ގުޅޭގޮތުން މަޝްވަރާކޮށް، ދާއިރާގެ ކުރިއެރުމަށް އައު އަމާޒުތަކެއް ކަނޑައެޅުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ. ޕީއެސްއެމުން ބުނެފައިވަނީ ސަމިޓުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ.



