ރާއްޖެއަށް މިއަހަރުގެ ހުޅަނގު މޫސުން ފެށިފައިވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ.
ރާއްޖޭގެ މޫސުން ބެހިފައިވާ ދެ މޫސުމުގެ ތެރެއިން ހުޅަނގު މޫސުމަކީ އާންމުގޮތެއްގައި މެއި މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް ދެމިގެންދާ މޫސުމެކެވެ.
މެޓް އޮފީހުން ބުނީ، ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ފަށާ ކަމަށެވެ. އަދި އޭގެ ފަހުން މި މޫސުމުގެ އަސަރު މެދުރާއްޖެތެރެއަށް ފޯރައި، މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެންދާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
މި އަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް ފެށިފައިވަނީ މި މަހުގެ އަށް ވަނަ ދުވަހު ކަމަށް މެޓް އޮފީހުން ވަނީ ކަނޑައަޅާފައެވެ. ރާއްޖޭގައި އޮންނަ އަނެއް މޫސުން ކަމަށްވާ އިރުވައި މޫސުން އާންމުކޮށް ދެމިގެންދަނީ ޖަނަވަރީ މަހުން ފެށިގެން މާރިޗު މަހުގެ ނިޔަލަށެވެ.
ހުޅަނގު މޫސުން ފެށުނުކަމަށް ބަލާ މިންގަނޑުތަކާ ގުޅޭގޮތުން މެޓް އޮފީހުން ބުނީ، މެއި އެކެއްގެ ފަހުން ދެކުނުގެ އަތޮޅުތަކުގެ މަދުވެގެން 60 އިންސައްތަ ސްޓޭޝަނަށް 2.5 މިލިމީޓަރަށް ވުރެ ގިނައިން ވާރޭ ވެހެން ޖެހޭ ކަމަށެވެ. މީގެ އިތުރުން ދެކުނުގެ އަތޮޅުތަކުގެ މަދުވެގެން 60 އިންސައްތަ ސްޓޭޝަނުގައި ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި، ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރުމިނުގައި ވައިޖެހެން ޖެހެއެވެ.
މެޓް އޮފީހުން އިތުރަށް ބުނި ގޮތުގައި، ހުޅަނގު މޫސުން ފެށުނުކަމަށް ރަސްމީކޮށް ކަނޑައަޅަނީ މި ދެންނެވި ދެ ހާލަތު ވިދިވިދިގެން ދެ ދުވަހަށް ދެމިގެން ދިއުމުންނެވެ.




