”އަދަދު“ ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ އެއްގޮތަށް އަމަލުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކަށް އަންގައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކަށް ފޮނުވި އެންގުމުގައި ބުނެފައިވަނީ، ޑޮކިއުމެންޓްރީގެ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށް އެންމެންގެ މައްޗަށް ޝާމިލުވާ ގޮތަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
އެހެންކަމުން، ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތައް އެ ކޯޓު އަމުރުގެ ހުދޫދުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
އަދަދު ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމަންޓްރީއާ ގުޅިގެން ޕްރޮސެކިއުޓަރު ޖެނެެެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށައެޅި މައްސަލަ މިއަދު އެކޯޓުން ވަނީ ބަލައިގަނެ އަމުރެއްވެސް ނެރެފައެވެ.
އާންމުކޮށް އެންމެންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު އެ އަމުރުގައި އަންގާފައިވާ ކަންކަން:
- ”އަދަދު“ ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުން.
- ޑޮކިއުމެންޓްރީގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުން.
- ޑޮކިއުމެންޓްރީއާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްވި މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުން.
- މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުންހުރި މައުލޫމާތުތައް ނުފެތުރުން.




