ފުވައްމުލައް ސިޓީއިން ފެށިގެން އައްޑޫސިޓީއަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މީ މިއަދު މެޓުން އެ ސަރަހައްދަށް ހުދު ސަމާލު ނެރުނު ދެވަނަ ފަހަރެވެ. ފުރަތަމަ ހުދު ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 16:30 އިން ފެށިގެން މިރޭ 21:30 އަށެވެ. އެ ސަމާލުގެ ވަގުތު ހަމަވެ ގެން ދެވަނަ ސަމާލު ނެރިފައިވަނީ 21:30 އިން ފެށިގެން މިރޭ ދަންވަރު 3:30 އަށެވެ.
މެޓުން ބުނީ، މި ސަރަހައްދަށް މި ވަގުތު ތަކުގައި ބޯކޮށް ވާރޭވެހި ގުގުރުން އަދި ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
މި މަހުގެ އަށްވަނަ ދުވަހުން ފެށިގެން ރާއްޖެއަށް މިއަހަރުގެ ހުޅަނގު މޫސުން ފެށިފައިވާ ކަމަށް މެޓުން މިއަދު ކުރިން ބުނެފައިވެއެވެ. މެޓުން ބުނީ، ރާއްޖޭގެ މޫސުން ބެހިފައިވާ ދެ މޫސުމުގެ ތެރެއިން ހުޅަނގު މޫސުމަކީ އާންމުގޮތެއްގައި މެއި މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް ދެމިގެންދާ މޫސުމެއް ކަމަށެވެ.
މެޓް އޮފީހުން ބުނީ، ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ފަށާ ކަމަށެވެ.
އަދި އޭގެ ފަހުން މި މޫސުމުގެ އަސަރު މެދުރާއްޖެތެރެއަށް ފޯރައި، މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެންދާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.




