ކ. އަތޮޅުން ފެށިގެން އައްޑޫސިޓީއަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މެޓުން އެ ސަރަހައްދަށް ހުދު ސަމާލު ނެރުނީ މިއަދު ހަވީރު 17:30 އިން ފެށިގެން މިރޭ 22:30 އަށެވެ.
މެޓުން ބުނީ، މި ސަރަހައްދަށް މި ވަގުތު ތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ.
މި މަހުގެ އަށްވަނަ ދުވަހުން ފެށިގެން ރާއްޖެއަށް މިއަހަރުގެ ހުޅަނގު މޫސުން ފެށިފައިވާ ކަމަށް މެޓުން ބުނެފައިވެއެވެ. މެޓުން ބުނީ، ރާއްޖޭގެ މޫސުން ބެހިފައިވާ ދެ މޫސުމުގެ ތެރެއިން ހުޅަނގު މޫސުމަކީ އާންމުގޮތެއްގައި މެއި މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް ދެމިގެންދާ މޫސުމެއް ކަމަށެވެ.
މެޓް އޮފީހުން ބުނީ، ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ފަށާ ކަމަށެވެ.
އަދި އޭގެ ފަހުން މި މޫސުމުގެ އަސަރު މެދުރާއްޖެތެރެއަށް ފޯރައި، މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެންދާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.




