ކުރިއަށް އޮތް ދެ ދުވަހުވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓުން ބުނީ، ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށާއި، ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ. މި ވިއްސާރައާއެކު ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ވައިގެ ބާރުމިނަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.
މެޓުން ލަފާ ކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް ގަދަވާނެއެވެ. އެގޮތުން ރާޅުގެ އުސްމިނުގައި 4 ފޫޓާއި 7 ފޫޓާ ދެމެދުގެ އުސްމިނެއް ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން މަޢުލޫމާތު ދެއެވެ.
މި ދުވަސްވަރު ރާއްޖެއަށް ވައިގަދަވެ ވިއްސާރަ ކުރާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ އިރުޝާދު ދެއްވާފައެވެ. އެގޮތުން ވިއްސާރައިގައި ފެންބޮޑުވެދާނެ ކަމަށް ބަލާ ތައްޔާރުވުމަށާއި، ވައިގަދަވާ ހާލަތުގައި އެއްލާލާނެ ފަދަ ތަކެތި ވައު ބޭނުންކޮށް އައްސާފައި ބެހެއްޓުމަށް ވަނީ އިރުޝާދު ދީފައެވެ.
މީގެ އިތުރުން، ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.




