ދިވެހިރާއްޖޭގެ ތާރީޚީ ލިޔުންތަކުގައި ބޭނުންކޮށްފައިވާ ދުވަސްވީ ”ދިވެސް އަކުރު“ ދިރުވައި އާލާކުރުމަށް ހާއްސަ ކޯހެއް ދިވެހި ބަހުގެ އެކަޑަމީން ފަށައިފިއެވެ.
ޖުމލަ 20 ބައިވެރިންނާއެކު ފެށި މި ކޯހަކީ 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
ކޯސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިވެހިބަހުގެ އެކަޑަމީގެ ރައީސް ޙަސަން ޝާކިރު މުޙައްމަދު ވިދާޅުވީ، މިއީ މީގެ ސާޅީހަކަށް އަހަރު ކުރިން ފެށިގެން މެދުކެނޑުމެއްނެތި ހިންގަމުން އަންނަ މުހިންމު ހަރަކާތެއް ކަމަށެވެ.
”މި އަކުރު ދަސްކުރުމަކީ ހަމައެކަނި މުޢާމަލާތްކުރަން ދަސްކުރުމުގެ ބަދަލުގައި، ދިވެހިންގެ މުއްސަނދި ތާރީޚަށް ލޯހުޅުވިގެންދާނެ ކަމެއް،“ ޝާކިރު ވިދާޅުވިއެވެ.
މި ޕްރޮގްރާމަކީ އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ޕްރޮގްރާމެއްކަން ފާހަގަކުރައްވަމުން އެކަޑަމީގެ ރައީސް ވިދާޅުވީ، މިފަހަރުވެސް 100 އަށްވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ. ނަމަވެސް ކޯހުގައި ޖާގަ ދެވެނީ 20 މީހުންނަށް ކަމަށްވާތީ، މިފަހަރު ފުރުސަތު ދީފައިވަނީ އެންމެ ފުރަތަމަ އެދުނު ވިހި ފަރާތަށެވެ. އަދި ކޯހުގެ ބައިވެރިން ފަރުވާތެރިކަމާއެކު ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކުރުމަށް ރައީސް ނަސޭހަތްތެރިވެވަޑައިގަތެވެ.
ދިވެސް އަކުރު ދަސްކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ އެހެން ފަރާތްތަކަށް، ކުރިއަށް އޮތް ތަނުގައި މި ފުރުޞަތު ފަހިކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން އެކަޑަމީން ވަނީ ދީފައެވެ.
މި ކޯހުގައި ކިޔަވައިދެއްވާނީ މި ރޮނގުން ފުންނާބުއުސް ދެ ތަޖުރިބާކާރުން ކަމަށްވާ އަލްޤާރީ އަޙްމަދު ރަޝީދު ޢަބްދުލްޤާދިރާއި، އޭނާގެ އެހީތެރިޔާ ޚަދީޖާ ޙަސަން މަނިކެވެ. އަޙްމަދު ރަޝީދަކީ މީގެ ކުރީގެ ގިނަ ބުރުތަކެއްގައި ވެސް މި ކޯހުގައި ކިޔަވައިދެއްވާފައިވާ ބޭފުޅެކެވެ.



