މިދިޔަ އޭޕްރިލް މަހު ރާއްޖޭގައި ޑެންގޫ ހުމާއި އަރިދަފުސް ރޯގާ ޖެހުނު މީހުންގެ އަދަދު 24,000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މާޗު މަހާ އަޅާބަލާއިރު އޭޕްރިލް މަހު މި ބަލިތައް ފެތުރިފައިވާ މިންވަރު ވަނީ އިތުރުވެފައެވެ.
ޑެންގޫ ހުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މާޗު މަހު 601 ވޭދަނަ ރިޕޯޓުކޮށްފައިވާއިރު، އޭޕްރިލް މަހު އެ އަދަދު ވަނީ 643 އަށް އިތުރުވެފައެވެ.
އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދުވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. މާޗު މަހު 20,761 މީހުންނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރިއިރު، އޭޕްރިލް މަހު އެ އަދަދު ވަނީ 24,221 އަށް އަރާފައެވެ. މީގެ އިތުރުން، އިންފްލުއެންޒާ ޖެހިގެން މާޗު މަހު ފަސް މީހަކު ފައްސިވިއިރު، އޭޕްރިލް މަހު މި ބަލި ޖެހިގެން 62 މީހަކު ވަނީ ރިޕޯޓުކޮށްފައެވެ.
ބޭރަށް ހިނގުމުގެ ރޯގާ ޖެހިގެން ވެސް މިދިޔަ މަހު 3,993 މީހުން ރިޕޯޓުކޮށްފައިވާ ކަމަށް އެ އެޖެންސީގެ ހިސާބުތަކުން ދައްކައެވެ.
މި ދުވަސްވަރަކީ މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް އިތުރުވަމުންދާ ދުވަސްވަރަކަށް ވާތީ، މަދިރި އާލާވާ ތަންތަން ނައްތާލުމަށާއި ބަލިތަކުން ރައްކާތެރިވުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.




