އައްޑޫ ސިޓީ ހިތަދޫގައި ޤާއިމުކުރާ ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފުރަތަމަ ފަންގިފިލާގެ ސްލެބް އަދި ބީމްގެ ކޮންކްރީޓް މަސައްކަތްތައް މިހާރު ނިމިފައިވާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
އެ ކުންފުނިން ހާމަކުރި ގޮތުގައި، އިމާރާތުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު، މިހާރު ކުރިއަށްދަނީ ރޭމްޕް ދަނގަޑު އެޅުމުގެ މަސައްކަތެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހިތަދޫއަށް ކުރެއްވި ޒިޔާރަތުގައެވެ. މި ސެންޓަރަކީ އެކި ކާރިސާތަކުގައި ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ބިނާކުރާ މުހިންމު މަރުކަޒެކެވެ.
ދެ ފަންގިފިލާއަށް އިމާރާތްކުރާ މި ސެންޓަރުގައި މީޓިން ރޫމަކާއި، ކޭޓްރިންގެ ޚިދުމަތާއި، ގުދަންތަކާއި، ގެދަރިން ހޯލްތައް ހިމެނޭނެއެވެ.
މީގެއިތުރުންވެސް ކާރިސާތަކުގެ ވަގުތުގައި ބޭނުންވާނެ އިތުރު ވަސީލަތްތައް މިތަނުގައި ޤާއިމްކުރެވިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.




