ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މި ސަމާލު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.
މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 15:30 އިން ފެށިގެން މިރޭ 21:00 އާ ހަމައަށެވެ. މެޓުން ބުނިގޮތުގައި މި މުއްދަތުގެ ތެރޭގައި އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
މެޓުން ބުނީ، މޫސުން ގޯސްވާން މެދުވެރިވީ ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުންނެވެ. މި ކޮޅިގަނޑުގެ އަސަރުގައި އަންނަ ބުދަ ދުވަހާ ހަމައަށް ގަދަވަޔާއެކު ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭވެހި ވިއްސާރަވުމުގެ ފުރުސަތު އޮތް ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.




