މާލެ ޓެކްސީލައިންގެ ޚިދުމަތް ތައާރަފްކުރި ފަހުން މިހާތަނަށް 13,000 އަށްވުރެ ގިނަ ދަތުރުކޮށްފައިވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
މިއީ މާލޭ ސަރަޙައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތީން ފެށި ޚިދުމަތެކެވެ.
މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ މިދިޔަ އޭޕްރީލް މަހުގެ 2 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
އެމްޓީސީސީއިން ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އޭޕްރީލް މަހުގެ 18 އިން ފެށިގެން މޭ މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 13,073 ދަތުރުވަނީ ކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސިޓީގެ އެތެރޭގައި ކުރި 9,395 ދަތުރާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް (ވީއައިއޭ) ކުރި 429 ދަތުރެވެ. މީގެ އިތުރުން ހުޅުމާލެ ފޭސް 1 އަށް 1,966 ދަތުރު އަދި ފޭސް 2 އަށް 1,283 ދަތުރު ކޮށްފައިވެއެވެ.
މި މުއްދަތުގެ ތެރޭގައި ޖުމްލަ 9,550 ކަސްޓަމަރުން މި ޚިދުމަތް ބޭނުންކޮށްފައިވާ ކަމަށް އެމްޓީސީސީއިން ބުންޏެވެ.
މާލެ ޓެކްސީ ލައިންގައި ބޭނުންކުރަނީ ސައްތަ އިން ސައްތަ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދުތަކެކެވެ. މި ޚިދުމަތަށް ޚާއްސަކޮށްގެން ޗަންގަން އޮޓޯމޮބިލް ބްރޭންޑުގެ 150 ކާރު ވަނީ ގެނެސްފައެވެ. މި ޚިދުމަތަކީ 24 ގަޑިއިރު ލިބޭނެ ޚިދުމަތެއް ކަމަށާއި، މީގެ ތެރޭގައި ތިން ސައިޒެއްގެ އުޅަނދު ހިމެނޭ ކަމަށް އެމްޓީސީސީއިން މަޢުލޫމާތުދެއެވެ.
އެމްޓީސީސީން އިތުރަށް ބުނީ، ވެބްސައިޓްގެ އިތުރުން ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެންވެސް ޓެކްސީ ބުކް ކުރެވޭނެ ކަމަށެވެ. އަދި މި ޚިދުމަތުގެ ދަށުން ކުރާ ހުރިހާ ދަތުރުތަކެއްވެސް ކުރަމުންދާނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ ރަސްމީ އަގުތަކުގައި ކަމަށް އެ ކުންފުނިން ކަށަވަރުކޮށްދެއެވެ.




