ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރެއްގެ އެޕާޓްމެންޓެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއްގައި، އެ ތަނުގެ އެއް ކޮޓަރި އެއްކޮށް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނިގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހިޔާ ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާގެ 10 ވަނަ އެޕާޓްމަންޓުގައެވެ.
މި އަލިފާނުގެ ހާދިސާގައި އެޕާޓްމަންޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އެންޑީއެމްއޭއިން އާއްމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އަލިފާން ރޯވި ކޮޓަރީގައި ހުރި ގޮދަނޑި ވަނީ ވަރަށް ބޮޑަށް އަނދާފައެވެ. އެ އިދާރާއިން ބުނީ، މި ހާދިސާގައި އެޕާޓްމަންޓުގެ އެއް ކޮޓަރި އެއްކޮށް އަނދައި، މިހާރު އެތަނަކީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ތަނެއް ކަމަށެވެ.

މި ހާދިސާ ހިނގިއިރު އެ އެޕާޓްމަންޓުގައި ދިރިއުޅެމުންދަނީ ހަތަރު މީހުންގެ އާއިލާއެކެވެ. އެންޑީއެމްއޭއިން ބުނީ، ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު އެ އާއިލާއަށް ބޭނުންވާ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.



