ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ދައުރު ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ހާމަކުރައްވައިފިއެވެ.
ހޮޓެލް ޖެންގައި ބޭއްވި ”އޭވިއޭޝަން ފޯރަމް 2026 – ކަނެކްޓިންގ މޯލްޑިވްސް“ ގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ، ވީއައިއޭ އިން ފަސިންޖަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި، ކާގޯ އަދި އޮޕަރޭޝަނަލް ދާއިރާތަކުން ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށެވެ.
އަދި ކުރިއަށް އޮތްތަނުގައި އަންނާނެ ޑިމާންޑަށް ބަލައި، ކާގޯ ޚިދުމަތް ފުޅާކުރުމަށާއި އުމްރާނީ ތަރައްޤީގެ އިތުރު ޕްލޭންތައް އެކުލަވާލަމުންދާކަން ޝަރީފް ފާހަގަކުރެއްވިއެވެ.
އެއަރޕޯޓުގެ ހިންގުން ހަރުދަނާކޮށް ފަސިންޖަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށްޓަކައި ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މަސައްކަތްތަކެއް ފަށާފައިވާކަން ސީއީއޯ ހާމަކުރެއްވިއެވެ. މީގެ ތެރޭގައި ސެލްފް ސާވިސް ޗެކް-އިން، ސެލްފް ބެގޭޖް ޑްރޮޕް-އޮފް، އިމިގްރޭޝަން އީ-ގޭޓްސް، އަދި ބަޔޯމެޓްރިކް ފެސިލިޓޭޝަން ފަދަ ޒަމާނީ ވަސީލަތްތައް ހިމެނެއެވެ.

މީގެ އިތުރުން ސްމާޓް ސެކިއުރިޓީ ސްކްރީނިންގ އާއި މޮބައިލް ބޯޑިން ސޮލިއުޝަންތައް ތައާރަފުކުރުމަށް ވަނީ ރޭވިފައެވެ.
އާމްދަނީ އިތުރުކުރުމުގެ ގޮތުން، ނޮން-އެއިރޮނޯޓިކަލް ދާއިރާތަކުން ނުވަތަ ލައުންޖްތަކާއި، ރީޓެއިލް އަދި އެފްއެންޑްބީ ޚިދުމަތްތައް އިތުރަށް އިޝްތިހާރުކޮށް، ދެމެހެއްޓެނިވި އާމްދަނީގެ މޮޑެލްއެއް ބިނާކުރުމަށް އެމްއޭސީއެލް އިން އިސްކަންދޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ބައިނަލްއަޤުވާމީ އޭވިއޭޝަން ދާއިރާގެ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން، އެއަރލައިންތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ ބައިވެރިންނާއެކު އޮންނަ ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ޝަރީފް ފާހަގަކުރެއްވިއެވެ.
ޝަރީފް ވިދާޅުވީ ވީއައިއޭ އަކީ ހަރުދަނާ ސިޔާސަތުތަކެއްގެ މައްޗަށް ބިނާވެފައިވާ، ކުއްލި ހާލަތްތަކަށް ތައްޔާރުވެފައިވާ އެއަރޕޯޓެއްގެ ގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.


