ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އައިޝަތު އީޝާ އަޝްރަފް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަބުރުކަތިލީ ވަޒީފާއިން ވަކިކުރީމަ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެއެވެ.
ފޭސްބުކްގައި ހިންގާ ”ރާކަނީ އެމްވީ“ ޕޭޖުން އާންމުކޮށްފައިވާ މި އޯޑިއޯގައި އީޝާ ކަމަށް ބުނާ މީހަކު އޭނާގެ ބައްޕައާ އައްޑޫ ބަހުން ވާހަކަދައްކާ އަޑު އިވެއެވެ.
މި އޯޑިއޯގައި އީޝާ ކަމަށް ބުނާ މީހާ އޭނާގެ ބައްޕަ ގާތު ބުނެފައިވަނީ ރައީސް އޮފީހުން ގުޅާފައި އޭނާ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުން ވަކިކުރިކަން އަންގާފައިވާ ކަމަށެވެ. އަދި މިކަމުގެ ބަދަލު ކޮންމެވެސް ދުވަހަކުން ފެންނާނެ ކަމަށާއި، ”މީގެ ބަދަލު އަދި އިރާދަކުރެއްވިއްޔާ ހިފާނަމޭ“ ބުނާ އަޑު އިވެއެވެ.
މީގެ އިތުރުން ރައީސް މުއިއްޒަށް ނިސްބަތްކޮށް މިކަން މިހެން ނުކުރެވޭނެ ކަމަށް ބުނެ އިންޒާރުގެ ރޫހެއްގައި އިޝާ ކަމަށް ބުނާ އަންހެނަކު ވާހަކަދައްކާފައިވެއެވެ.
މި އޯޑިއޯ ލީކުވެފައިވާއިރު، ”އަދަދު“ ނޫހުން ގެނެސްދިން ޑޮކިއުމެންޓަރީއާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ޖިނާއީ ތަހުގީގަށް އީޝާ މިދިޔަ ހަފުތާގައި ވަނީ ހެންވޭރު ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފައެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުގައި އީޝާއަކީ ރައީސް މުއިއްޒަށް ނިސްބަތްކޮށް ހަދާފައިވާ މި ޑޮކިއުމެންޓަރީ އުފެއްދުމުގައި އަމަލީގޮތުން ބައިވެރިވި ފަރާތެކެވެ.
އީޝާއަކީ މި ސަރުކާރުގެ ކުރީކޮޅު ރައީސް އޮފީހުގެ އިތުރުން ދެ ވުޒާރާއެއްގެ ސިޔާސީ މަގާމު ފުރުމަށް ފަހު ވަޒީފާއިން ވަކިކޮށްފައިވާ މީހެކެވެ.
އީޝާގެ ގާނޫނީ ވަކީލު އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ، މި މައްސަލައިގައި އީޝާއަކީ ކުށްވެރިއެއް ނޫން ކަމަށާއި އޭނާއަކީ ”ވިކްޓިމް” އެއް ކަމަށެވެ. އަދި ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދެމުންދާ ކަމަށާއި، ކަން ހިނގައިދިޔަ ގޮތް ފުލުހުންނަށް ކިޔައިދެމުންދާ ކަމަށް ޝަމީމް ވިދާޅުވިއެވެ. ނަމަވެސް، ފުލުހުންގެ އަތުގައި ހުރި ހެކިތަކުގެ ތަފްސީލެއް އަދި ސާފުކޮށްދީފައި ނުވާ ކަމަށް ވަކީލު ފަރީދު ފާހަގަކުރެއްވިއެވެ.
މިދިޔަ މާޗު މަހު އާންމުކުރި މި ޑޮކިއުމެންޓަރީގެ މައްސަލަ ފުލުހުން ބަލަމުންދަނީ ގާނޫނުލްއުގޫބާތުގެ ދަށުން ގަޒްފުކުރުމުގެ ކުށުގެ ތުހުމަތުގައެވެ. ރައީސް މުއިއްޒު ވަނީ އެ ޑޮކިއުމެންޓަރީގައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.
މި މައްސަލައިގެ ތަހުގީގަށް ”އަދަދު“ ނޫހުގެ އޮފީސް ފާސްކޮށް، ބައެއް އިލެކްޓްރޯނިކް ސާމާނު ހިފަހައްޓާފައިވާއިރު، އީޝާގެ އިތުރުން އެ ނޫހުގެ ނޫސްވެރިންނާއި އިސްވެރިންގެ ޕާސްޕޯޓު ހިފަހައްޓާ، ޝަރީއަތްވެސް ކޯޓުން މިހާރުވަނީ ފައްޓާފައެވެ.




