އޭޕްރިލް 4 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގައި މައްސަލަ ޖެހުނު މ. ވޭވަށު ކައުންސިލް ގޮނޑީގެ މައްސަލައިގައި ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މި ހުކުމާއެކު އެ ގޮނޑި ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ނަޒީހްއެވެ.
ވޭވަށު ކައުންސިލްގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ނަޒީހަށް ލިބުނީ އިންތިޚާބުގައި ބާތިލު ވޯޓްތަކެއް ސައްހަ ވޯޓްގެ ގޮތުގައި ގުނާފައިވާ ކަމަށް ބުނެ އޭނާގެ ފަރާތުން ހައިކޯޓަށް ހުށައެޅި މައްސަލަ ބެލުމަށް ފަހު އެ ކޯޓުން ނިންމި ނިންމުމާ ގުޅިގެންނެވެ.
ހައިކޯޓުން މައްސަލަ ބެލުމަށްފަހު ވަނީ އިންތިޚާބުގައި ގުނާފައިވާ ވޯޓުތަކުގެ ތެރެއިން ތިން ވޯޓެއް ބާތިލު ކަމަށް ކަނޑައަޅާފަ އެވެ. މި ނިންމުމާއެކު، ކުރިން ވެސް ނަޒީހަށް ލިބިފައިވާ 119 ވޯޓަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
ނަމަވެސް، އެމްޑީޕީގެ ކެންޑިޑޭޓް އަހްސަން ނައީމަށް ކުރިން ލިބިފައިވާ 121 ވޯޓްގެ ތެރެއިން ތިން ވޯޓެއް ބާތިލު ވޯޓް ކަމަށް ކޯޓުން ކަނޑައެޅުމުން، އޭނާއަށް ލިބުނު ސައްހަ ވޯޓުގެ އަދަދު ވަނީ 118 އަށް ދަށްވެފަ އެވެ.
މިއާއެކު އެއް ވޯޓުގެ ތަފާތުން ނަޒީހަށް ވަނީ ގޮނޑި ކަށަވަރުވެފައެވެ.
މި ނިންމުމާއެކު ވޭވަށު ކައުންސިލްގެ މެޖޯރިޓީ މިހާރު ވަނީ ޕީއެންސީއަށް ލިބިފައެވެ.



