ގައުމެއްގެ އިޖްތިމާއީ ފޭރާން ރަނގަޅުކުރުމުގެ މަސައްކަތް ފަށަންޖެހެނީ ބަދަހި އަދި ހަރުދަނާ އާއިލާތަކެއް ބިނާކުރުމާ ހަމައިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އާއިލާއެއްގެ ފެށުމަކީ މައިންބަފައިން ކަމަށްވާއިރު، މާތްﷲގެ އެއްކައުވަންތަކަން ގަބޫލުކުރުމަށްފަހު މުސްލިމަކު ދެން އެންމެ ބޮޑު އިސްކަމެއް ދޭން އަމުރުވެވިގެންވާ އެއް ކަމަކީ މަންމައާއި ބައްޕައަށް ހެޔޮކޮށް ހިތުމާއި ކިޔަމަންގަތުން ކަމަށެވެ.
މާތްވެގެންވާ އިސްލާމްދީން އާއިލާއަށް ދޭ ގަދަރާއި އަހުމިއްޔަތުގެ ބޮޑުކަން ހަމައެކަނި މިކަމުންވެސް ހާމަވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ މެސެޖުގައި އިތުރަށް ވިދާޅުވީ، އާއިލާއިން އުފައްދައިދޭ ލޭގެ މަތިވެރި ގުޅުމަކީ ދުވަހަކުވެސް ކެނޑިގެންދާނެ ގުޅުމެއް ނޫން ކަމަށެވެ. އަދި ގައުމެއްގެ އިޖްތިމާއީ ފޭރާން ރަނގަޅުކުރުމުގެ ބިންގަލަކީ ބަދަހި އާއިލާތައް ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
އާއިލާތަކުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ރައީސް ވަނީ ދިވެހި ކޮންމެ ރައްޔިތަކަށްމެ އާއިލީ ލޯތްބާއި އަޅާލުމާއެކު ބާއްޖަވެރި ހަޔާތަކަށް އެދި ދުއާ ކުރައްވާފައެވެ.
ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މެއި 15 ގައެވެ. މި ދުވަހުގެ މަގުސަދަކީ އާއިލާތަކުގެ މުހިންމުކަމާއި، މުޖުތަމައު ބިނާކުރުމުގައި އާއިލާގެ ދައުރު ފާހަގަކުރުމެވެ.




