ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތަކަކީ ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
”ޙައްޖު މަހުގެ ފުރަތަމަ 10 ދުވަސް“ މި މައުޟޫއަށް ދިން ހުތުބާގައި ބުނީ، މާތް ﷲގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ މައްސަރުތަކަކީ ޙުރުމަތްތެރިވެގެންވާ ހަތަރު މައްސަރު ކަމަށާއި، އޭގެ ތެރެއިން ވެސް އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ މައްސަރަކީ ޙައްޖު މަސް ކަމަށެވެ.
ހުތުބާގައި ބަޔާންކުރި ގޮތުގައި، ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ އެ މަހުގެ އެންމެ މާތް ދުވަސްތަކެވެ. މި ދުވަސްތަކުގެ މާތްކަން ބަޔާންކުރައްވައި ކީރިތި ޤުރްއާނުގައި މާތް ﷲ ގަންދެއްވައި ވަޙީކުރައްވާފައިވާކަން ހުތުބާގައި ފާހަގަކުރިއެވެ. އަދި ރަސޫލާ ﷺ ގެ ހަދީޘްފުޅެއްގެ މާނައިގައިވަނީ، ”ﷲގެ ހަޟުރަތުގައި، ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހަށް ވުރެ މާތްކަން ބޮޑުވެގެންވާ އެހެން އެއްވެސް ދުވަސްތަކެއް ނުވެއެވެ.“
މި ދުވަސްތަކަކީ ދުނިޔެއަށް އަންނަ އެންމެ ހެޔޮ ދުވަސްތަކަށް ވުމުގެ ސަބަބެއް ކަމުގައި ޢިލްމުވެރީން ބަޔާންކުރައްވަނީ، ނަމާދާއި ރޯދައާއި ޞަދަޤާތާއި ޙައްޖުގެ މަތިވެރި އަޅުކަން ފަދަ އެންމެ މަތިވެރި ހެއު ޢަމަލުތައް މި ދުވަސްތަކުގައި ޖަމާވާތީ ކަމަށް ހުތުބާގައި ބުންޏެވެ. އެހެންކަމުން މި ދުވަސްތަކުގެ ބޭނުން ހެއު ގޮތުގައި ހިފުމަށް ޓަކައި، ތެދުވެރި ތައުބާއަކުން ތައުބާވެ ހެއު ޢަމަލުކުރުމަށް އަވަސްވުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
މި ދުވަސްތަކުގައި ކުރެވޭނޭ ހެޔޮ އަމަލުތަކުގެ ތެރޭގައި ރޯދަހިފުމާއި، ޚާއްޞަކޮށް ޢަރަފާތް ދުވަހުގެ ރޯދަ ހިފުމުގެ މުހިންމުކަން ހުތުބާގައި ފާހަގަކުރިއެވެ. އަދި ގިނަގިނައިން ތަކުބީރާއި ތަސްބީޙަކިޔައި، މާތް ﷲގެ މަތީން ހަނދުމަކުރުމަކީ ރަސޫލާ ﷺ ގެ ސުންނަތުން ސާބިތުވާ މަތިވެރި އަޅުކަމެއް ކަމަށް ބުންޏެވެ.
ޙައްޖު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އައްޔާމުއްތަޝްރީޤުގެ ފަހު ދުވަހާ ހަމައަށް ގޭގަޔާއި މަގުމަތީގައި އަޑުހަރުކޮށް ތަކުބީރު ކިޔުމަކީ ސުންނަތެއް ކަމަށް ހުތުބާގައި ބުންޏެވެ.
މީގެ އިތުރުން، މި ދުވަސްވަރު ކުރުމަށް ޝަރުޢުގައި ކަނޑައަޅުއްވައިފައިވާ ހެއު ޢަމަލުތަކުގެ ތެރޭގައި އުޟުޙިޔާ ކަތިލުމާއި، ގިނަގިނައިން ޞަދަޤާތްކުރުމާއި، ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުން ހިމެނެއެވެ. ”މަބުރޫރު ޙައްޖެއްގެ ޖަޒާއެއްކަމުގައި ސުވަރުގެ ފިޔަވައި ނުވެއެވެ.“މި ހަދީޘްފުޅަށް އިޝާރާތްކޮށް، ޙައްޖުގެ މަތިވެރިކަން ހުތުބާގައި ބަޔާންކޮށްދިނެވެ.
ހުތުބާ ނިންމާލަމުން ވަނީ، މި މަތިވެރި ދުވަސްތަކުގައި ފާފަތަކާއި ނުބައި ކަންކަމުން ދުރުހެލިވުމަށް ގޮވާލާފައެވެ. ނެތިމޮށުމާއި، ދެބައޮޑުވުމާއި، ފިތުނަ އުފެއްދުން ފަދަ ކަންކަމުން ދުރުވެ، މާތް ﷲ ލޯބިވެވޮޑިގެންވާ އަމަލުތަކުގައި ދެމިތިބުމަށް ހުތުބާގައި އިލްތިމާސްކުރިއެވެ.



