އިދިކޮޅުގައި މިހާރު ތިބީ ހުސް ފެއިލްވެފައި ތިބި މީހުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ޕީއެންސީގެ މައި ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކަކީ އެކަކު އަނެކަކުގެ ކަރުގައި ހިފައި، ބުރަކައްޓަށް ވަޅި ޖަހާފައި ތިބި ބައެއް ކަމަށާއި، އެފަދަ ބަޔަކު އެއްވެގެން ގައުމުގެ ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
”އެކަކު އަނެކަކުގެ ކަރުގައި ހިފައި، އެކަކު އަނެކަކުގެ ބުރަކައްޓަށް ވަޅި ޖަހާފައި ތިބި ފަރާތްތަކެއް އެއްވެގެން ގައުމޭ ކިޔާފައި ވާހަކަ ދައްކާއިރު ހުސް ފެއިލިއަރުން މިތިބީ،“ ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި މިވަގުތު މަދުވަނީ ޒިންމާދާރުކަމާއެކު މަސައްކަތް ކުރާނެ އިދިކޮޅު ޕާޓީއެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު ގުޅިގެން މަސައްކަތް ކުރެއްވުމަށް ނިންމަވާފައިވާ ދަނޑިވަޅެއްގައި ރައީސް މުއިއްޒު ވަނީ އެ ބޭފުޅުންގެ ވެރިކަންތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މާޒީގައި ތަރައްގީގެ މަޝްރޫއުތައް ހިންގި ނަމަވެސް، ގައުމުގައި އޮތީ އަނިޔާވެރިކަމާއި ކޮރަޕްޝަން ކަމަށާއި، ސިޔާސީ އެންމެން ޖަލަށްލީ ދުވަސްތައް ރައްޔިތުން ހަނދާން ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚާއްޞަކޮށް ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުގައި ހިނގި ވެންޓިލޭޓަރުގެ މައްސަލައާއި، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ރައީސް ފާހަގަކުރެއްވިއެވެ. އެކަންކަމުގައި އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅައި، ރައްޔިތުންނަށް ހައްގު ހޯދައިދިނުމަށް ކަމާގުޅޭ އިދާރާތަކަށް ރައީސް ވަނީ ގޮވާލައްވާފައެވެ. އަދި ސަރުކާރުން އެ ފުރުސަތު ފުރިހަމައަށް ދޭނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މިހާރު ރާއްޖޭގެ ޚާރިޖީ ސިޔާސަތު ވަނީ ވަކި އަތަކަށް ބުރަވުމުގެ ބަދަލުގައި، ބައިނަލްއަގުވާމީ މުޖުތަމައު ބަލައިގަންނަ އަދި ބަސްވިކޭ ސިޔާސަތަކަށް ބަދަލުކޮށްފައެވެ. ކުރިން އެހެން ގައުމުތަކާ ބައްދަލުކުރުމަށްވެސް ވަކި ގައުމެއްގެ ހުއްދަ ބޭނުންވި ޒަމާން ބަދަލުވެ، މިހާރު އިސްކަންދެނީ ދިވެހިންނަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ގައުމުގެ ހުރިހާ ކަމެއް ހަމަޖެހޭ މިސްރާބަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މި ބަދަލުތަކުގެ ފޮނި ނަތީޖާ ވަރަށް އަވަހަށް ފެންނާނެ ކަމަށެވެ.




