މިހާތަނަށް ދިވެހި ނޫސްވެރިންގެ ހައްގުތަކާއި ހިމާޔަތަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ރައީސް އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ޕީއެންސީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ މިއަދު ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާހަކަ ދައްކަވާ ބޭފުޅުންގެ ޒައާމަތުގައި ކަންކަން ހިނގައި ދިޔަ ގޮތް ރައްޔިތުންގެ ހަނދާނުން ފިލައިގެން ނުދާ ކަމަށެވެ.
ފަލާހު ވިދާޅުވީ ނޫސްވެރިންގެ ހައްގުތަކުގެ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކާއިރު، ރައީސް މުއިއްޒަށްވުރެ ބޮޑަށް ދިވެހި ނޫސްވެރިން ހިމާޔަތްކުރި ރައީސެއް މި ގައުމު ނުދެކޭނެ ކަމަށެވެ.
ކޯޓެއްގެ ފަނޑިޔާރަކު ”ވަގަށް ނަގައިގެން“ ގޮސް ވެރިކަމުން އިސްތިއުފާ ދެއްވި ބޭފުޅަކު، މިއަދު އަދުލު އިންސާފުގެ ވާހަކަ ދެއްކުމަކީ ލަދުވެތި ކަމެއް ކަމަށް ފަލާހު ސިފަކުރެއްވިއެވެ. އަދި އެ ދުވަސްވަރު ދައުލަތުގެ މައި ދޮރާށި ކަމަށްވާ އެއާޕޯޓާއި، ދިރާގު އަދި އެމްޑަބްލިއުއެސްސީ ފަދަ ކުންފުނިތައް ވިއްކާލައި، ގައުމުގެ އިގުތިސާދީ ފޭރާން ވީދާލާފައިވާ ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިޔާސީ ލީޑަރުންނާއި، އަމިއްލަ ބޭބޭފުޅު ކަމަށްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލަށް ލާފައިވާކަން ފަލާހު ފާހަގަކުރެއްވިއެވެ. އެފަދަ ތާރީހެއް އޮތް ބޭފުޅުން ނޫސްވެރިންގެ ހައްގުތަކުގެ ވާހަކަ ދެއްކުމުން ރައްޔިތުން އެކަން ބަލައިނުގަންނާނެ ކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރައްޔިތުންގެ ބޮޑު ތާއީދަކާއެކު ކަމަށާއި، އިދިކޮޅު ފަރާތްތަކުން ފަތުރާ ދޮގު ވާހަކަތަކުން ރައީސްގެ އަގު ވައްޓާނުލެވޭނެ ކަމަށެވެ.
މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ހަލާކުވެފައިވާ އިގުތިސާދު ކޮޅަށް ޖަހައި، ރައްޔިތުންނަށް އަމާން މުޖުތަމައެއް ބިނާކޮށްދިނުމަށް ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.



