މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް މިއަދު ފުރުމަށް ވަނީ ހަމަޖެހިފައެވެ.
ސައުދީ އެއާލައިންސްގެ ފްލައިޓެއްގައި މިއަދު ފުރާ މި ގްރޫޕުގައި ޖުމްލަ 235 ހައްޖުވެރިން ހިމެނެއެވެ.
ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު 15:25 ގައެވެ. ހައްޖުވެރިންނާއި އެހީތެރިން އެއާޕޯޓަށް ގެންދިއުމުގެ އިންތިޒާމުތައް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ވަނީ ވަރަށް ފުރިހަމައަށް ރާވާފައެވެ. އެގޮތުން، މިއަދު ހެނދުނު 10:30 އިން ފެށިގެން ހަ ރޫޓަކުން ބަހުގެ ހިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ފްލައިޓް ފުރުމުގެ ފަސް ގަޑިއިރު ކުރިއެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، މި އަހަރު ރާއްޖެއިން ހައްޖަށްދާ މީހުންގެ 50 އިންސައްތަ މީހުން އުފުލުމަށް ހަމަޖެހިފައިވަނީ ސައުދީ އެއާލައިންސްގައެވެ. ބާކީ 50 އިންސައްތަ ހައްޖުވެރިން ދަތުރުކުރާނީ ގައުމީ އެއާލައިން، މޯލްޑިވިއަންގައެވެ.
ރާއްޖެއިން ހައްޖުވެރިން ގެންދިއުމަށް ޖުމްލަ ހަތަރު ފްލައިޓެއް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.
ފްލައިޓްތައް ފުރުމަށް ހަމަޖެހިފައިވާ ތާވަލު:
- ފްލައިޓް 1: 15 މޭ (15:25)
- ފްލައިޓް 2: 17 މޭ (07:10)
- ފްލައިޓް 3: 18 މޭ (15:25)
- ފްލައިޓް 4: 19 މޭ (09:45)
ސައުދީ ސަރުކާރުން ކޮންމެ އަހަރަކުވެސް ރާއްޖެއަށް ރަސްމީކޮށް ދޫކުރަނީ 1000 ކޯޓާއެވެ.



