ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީގެ ޑައިވަރަކު މަރުވެ އިތުރު ހަތަރު ޑްރައިވަރުން ގެއްލުނު ހާދިސާއާ ގުޅިގެން، އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާ އާއި އެ ގައުމުގެ ރައްޔިތުންގެ އިތުރުން، ގެއްލުނު ފަރާތްތަކުގެ އާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މި ހާދިސާގެ ހަބަރު އެއްސެވީ ވަރަށް ބޮޑު ހިތާމައަކާއެކު ކަމަށާއި، ދިވެހިންގެ ހެޔޮދުއާ ގެއްލިފައިވާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކާއެކު ވާކަމަށެވެ.
ގެއްލިގެން ހޯދަމުންދާ އިޓަލީގެ ހަތަރު ރައްޔިތުން ހޯދުމަށް ހިންގާ ހާއްސަ އޮޕަރޭޝަނަކީ ދިވެހި ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތުގައި އިޓަލީ ސަރުކާރުގެ ފަރާތުން ލިބެމުންދާ އެހީތެރިކަމަށްޓަކައި ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ފަސް ޑައިވަރުންގެ ތެރެއިން އެކެއްގެ ހަށިގަނޑު އިއްޔެ ވަނީ ފެނިފައެވެ. އެ މީހާގެ ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރު އަޑިން ކޭވްއެއްގެ ތެރެއިންނެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ވެސް ތިބީ ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ކޭވްގެ ތެރޭގައި ކަމަށް އެމްއެންޑީއެފުން ލަފާކުރެއެވެ.
މިއީ ވަރަށް ނުރައްކާތެރި އަދި ހައި ރިސްކް އޮޕަރޭޝަނަކަށް ވާތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ހާއްސަ ސާމާނު މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި، މި އޮޕަރޭޝަން ނިމެންދެން ކޯސްޓްގާޑް ޝިޕް ”ޣާޒީ” އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާނެއެވެ.



