މި އަހަރު ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރާ ފުރަތަމަ ގްރޫޕް މިއަދު ސައުދީ އަރަބިއްޔާއަށް ފުރައިފިއެވެ.
މިއަދު ހަވީރު 3:25 ގައި ސައުދިއާ އެއާލައިންގެ ފްލައިޓުން ފުރާފައިވަނީ 242 ހައްޖުވެރިންނެވެ.
މި އަހަރު ރާއްޖެއަށް ލިބިފައިވާ 1،000 ކޯޓާގެ ދަށުން ހައްޖުވެރިން އުފުލުމަށް ހަމަޖެހިފައިވަނީ ޖުމްލަ ހަތަރު ފްލައިޓެއްގައެވެ. މީގެ ތެރެއިން ދެ ފްލައިޓް ގައުމީ އެއާލައިން މޯލްޑިވިއަނުން އޮޕަރޭޓް ކުރާއިރު، އަނެއް ދެ ފްލައިޓް އޮޕަރޭޓް ކުރާނީ ސައުދިއާ އެއާލައިނުންނެވެ.

މޯލްޑިވިއަން އާއި ސައުދިއާގެ ކޮންމެ އެއާލައިނަކުން ވެސް 500 ހައްޖުވެރިން އުފުލުމަށް ވަނީ ހަމަޖެހިފައެވެ.
ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށެވެ. ހައްޖު ކޯޕަރޭޝަނުން ބުނި ގޮތުގައި ހައްޖުވެރިން ސައުދީގައި 22 ދުވަހު މަޑުކުރާނެއެވެ. އަދި ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަން ފަށާނީ އަންނަ މަހުގެ ފަހަކުން ފެށިގެންނެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ދިވެހި ހައްޖުވެރިންނަށް ”މައްކާ ރޫޓް“ އިނީޝިއޭޓިވްގެ ދަށުން ގިނަ ލުއިތަކެއް ލިބިގެންދާނެއެވެ. މިއީ އާންމުކޮށް 20،000 އަށްވުރެ ގިނަ މީހުން ހައްޖަށްދާ ގައުމުތަކަށް ދޭ ފުރުސަތެއް ނަމަވެސް، ސައުދީ ސަރުކާރުން ވަނީ ރާއްޖެއަށް މި ފުރުސަތު ދީފައެވެ.
މި އިންތިޒާމުގެ ދަށުން، ހައްޖުވެރިން ރާއްޖެއިން ފުރުމުގެ ކުރިން ދެ ގައުމުގެ އިމިގްރޭޝަން މަރުހަލާތައް އެއާޕޯޓުގައި ތިބެ ނިންމާލެވޭނެއެވެ. މީގެ ސަބަބުން ޖިއްދާ އެއާޕޯޓަށް ފޭބުމަށްފަހު އިމިގްރޭޝަން ކިއޫގައި މަޑުކުރަން ނުޖެހި، ސީދާ ހޮޓަލަށް ދެވޭނެއެވެ. އަދި ހައްޖުވެރިންގެ ލަގެޖްތައް ވެސް ސީދާ ހޮޓަލާ ހަމައަށް ގެންގޮސްދިނުމުގެ އިންތިޒާމު މި ޕްރޮގްރާމުގެ ދަށުން ހަމަޖެހިގެންދާނެއެވެ.
މި އަހަރުގެ ހައްޖު ދުވަސް ކަމަށްވާ ޒުލްހިއްޖާ މަހުގެ ނުވަ ވަނަ ދުވަސް ދިމާވަނީ މި މަހުގެ 26 ވަނަ ދުވަހާއެވެ.




