ވ. އަތޮޅު އަލިމަތާ ކައިރިއަށް ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުން ހޯދުމަށް އެމްއެންޑީއެފުން ކުރިއަށްގެންދާ ނުރައްކާތެރި އޮޕަރޭޝަނުގެ ދަށުން، ފުރަތަމަ ޑައިވް ނިންމާލުމަށްފަހު ދެވަނަ ޑައިވަށް ތައްޔާރުވަމުން އަންނަކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ، އެމްއެންޑީއެފްގެ އަށް ޑައިވަރުން ބައިވެރިވި ފުރަތަމަ ސާޗްގައި ހޮހޮޅައަށް ވަންނަ ދިމާލާއި ހޮހޮޅައިގެ އެތެރޭގެ ވަކި ހިސާބަކަށް ބަލާފައިވާ ކަމަށެވެ.
މުންދު ވިދާޅުވީ، ފުރަތަމަ ސާޗަށްފަހު މިއަދު އިތުރު ޑައިވްއެއް ނޯންނާނެ ކަމަށެވެ. އެއީ ޑައިވަރުން އެހާ ފުނުގައި އުޅުމަށްފަހު މައްޗަށް އެރުމުން ޑީކޮމްޕްރެޝަން ކުރަން ޖެހޭތީއެވެ. ދެވަނަ ސާޗް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ. މޫސުން ގޯސްވުމާއި ކަނޑުގަދަވުމުގެ ސަބަބުން މީހުން ހޯދުމުގެ މަސައްކަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށްވެސް މުންދު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަދު އެ ސަރަހައްދަށް ވަޑައިގެން އޮޕަރޭޝަން ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ. ރައީސްގެ އަރިހުގައި ހޯމް މިނިސްޓަރު އަލީ އިހުސާނާއި، ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްގެ އިތުރުން ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ ނުރައްކާތެރި ކަމަކަށްވާތީ ބަލައިގެން އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ރައީސް އިރުޝާދު ދެއްވި އިރު، ޑައިވަރުންނަށް ހިތްވަރު ވެސް ދެއްވިކަމަށް މުންދު ވިދާޅުވިއެވެ.
އަލިމަތާ ކައިރިއަށް ޑައިވިން އަށް ގޮސް އުޅެނިކޮށް އިޓަލީގެ ފަސް ފަތުރުވެރިން ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރީ އިއްޔެގެ މެންދުރުފަހު 1:45 ހާއިރެވެ. އިޓަލީގެ ފޮރިން މިނިސްޓްރީން ނެރުނު ކުރު ބަޔާނަކާ ހަވާލާދީ އޭއެފްޕީ ނިއުސް އެޖެންސީން ބުނި ގޮތުގައި 50 މީޓަރު (164 ފޫޓް) ފުނުގައިވާ ހޮހޮޅަތަކެއް ބަލަން އުޅުމުގެ ތެރޭގައި އިޓަލީގެ ފަސް ޑައިވަރުން ވެސް ވަނީ މަރުވެފައެވެ. ނަމަވެސް، މިހާތަނަށް އައިއިރު ފެނުނީ އެންމެ މީހެއްގެ ހަށިގަނޑެވެ.
އެމީހާގެ ހަށިގަނޑު ފެނުނީ އިއްޔެ އިރުއޮއްސި 6:13 ހާއިރުއެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި އެ ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓް) އަޑިން ކޭވްއެއްގެ ތެރެއިންނެވެ.
ބާކީ ތިބި ހަތަރު ޑައިވަރުން ވެސް ވީ ގާތްގަނޑަކަށް 200 ފޫޓު ދިގު މި ހޮހޮޅައިގެ ތެރޭގައި ކަމަށް އެމްއެންޑީއެފް ލަފާކުރެއެވެ.



