މި އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 50.7 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 8.7 އިންސައްތައިގެ އިތުރުވުމެކެވެ.
ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 46.6 މިލިޔަން ރުފިޔާއެވެ. މި އަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް މުދަލު ޒަކާތް ލިބިފައިވަނީ މާރިޗު މަހުގެ ތެރޭގައެވެ. އެ މަހު 27.4 މިލިޔަން ރުފިޔާ ލިބިފައިވާއިރު، ފެބުރުވަރީ މަހު 11.8 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މީގެ އިތުރުން ޖަނަވަރީ މަހު 6.05 މިލިޔަން ރުފިޔާ އަދި އެޕްރީލް މަހު 5.4 މިލިޔަން ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވެއެވެ.
މުދަލު ޒަކާތުގެ ނިޞާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. މިދިޔަ އެޕްރީލް މަހުގެ 21 ވަނަ ދުވަހު މޯލްޑިވްސް ޒަކާތު ހައުސްއިން ވަނީ ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ 21,836.50 ރުފިޔާ ކަމުގައި ކަނޑައަޅާފައެވެ.
މިއީ ރިހީގެ ގުރާމަކަށް 36.70 ރުފިޔާގެ ރޭޓުން 595 ގުރާމަށް ޖެހޭ އަދަދެވެ.
ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން، ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ހާމަކުރާ އަގުތަކަށް ބިނާކޮށް މުދަލު ޒަކާތުގެ ނިޞާބަށް ދޭތެރެއަކުން ބަދަލު ގެނެއެވެ. މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ ހިޖުރީ ގޮތުން އަހަރެއް ފުރިފައިވާ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ފަރުޟެކެވެ.
ރާއްޖޭގައި މުދަލު ޒަކާތް ބަލައިގަންނަނީ މީރާ މެދުވެރިކޮށެވެ. މީރާގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވާއިރު، ކޮންމެ މީހަކުވެސް ޒަކާތް ދައްކަން ޖެހޭ މިންވަރު އެ ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެއެވެ.
އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލުގެ ޒަކާތް ދެއްކުމުގެ ފުރުސަތު އޮވެއެވެ.



