މިއަހަރުގެ ބަރަކާތްތެރި ޙައްޖުގެ އަޅުކަމަށް ރާއްޖެއިން ފުރި ފުރަތަމަ ފްލައިޓުން ދަތުރުކުރި 238 މީހުން ރޭގެ ވަގުތެއްގައި މައްކާއަށް ވަނީ ގޮސްފައެވެ.
އަދި އެ ހުރިހާ ބޭފުޅުންނަށްވެސް ސައުދީން ވަނީ ވަރަށް ކުލަގަދަ އަދި ހޫނު މަރުޙަބާއެއް ކިޔާފައެވެ.
ޙައްޖުވެރިން ޖިއްދާގެ އެއާޕޯޓަށް ފޭބުމާއެކު، އެންމެ އިސްކޮށް މަރުޙަބާ ދެންނެވީ ދިވެހިރާއްޖެއިން ސައުދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރުގެ އިތުރުން ރާއްޖޭގެ ޙައްޖު މިޝަންގެ އިސް ބޭފުޅުންނެވެ. މީގެ އިތުރުން ’މައްކާ ރޫޓް‘ ގެ އޮފިޝަލުންވެސް ވަނީ އެއާޕޯޓުން ޙައްޖުވެރިންނަށް މަރުޙަބާ ކިޔުމުގައި ބައިވެރިވެފަ އެވެ.
އެއާޕޯޓުން ނިމިގެން ޙައްޖުވެރިން މައްކާގައި ތިބުމަށް ހަމަޖެހިފައިވާ ހޮޓަލަށް ދިއުމުންވެސް ވަނީ ޚާއްޞަ މަރުޙަބާއެއް ކިޔާފައެވެ. އެގޮތުން ހޮޓަލުގެ މުވައްޒަފުންނާއި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި، ޙައްޖު މިޝަންގެ އިތުރުން، ދިވެހި ޙައްޖުވެރިންގެ ކަންކަން ބެލެހެއްޓުމާ ހަވާލުވެފައިވާ މުޠައްވިފް ޖަމާޢަތެއް ކަމަށްވާ ”ރަވާފް މިނާ“ އިން ވަނީ ޙައްޖުވެރިންނަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.
ދިވެހި ޙައްޖު މިޝަނުން ވިދާޅުވި ގޮތުގައި ފުރަތަމަ ފްލައިޓުން ދިޔަ ހުރިހާ ޙައްޖުވެރިންގެ ހާލުވެސް ހުރިހާ ގޮތަކުން ރަނގަޅެވެ. އަދި މައްކާއަށް ދިއުމަށްފަހު، ޙައްޖުވެރިން މިހާރު ވަނީ އެބޭފުޅުންގެ ފުރަތަމަ ޢުމްރާގެ އަޅުކަން ފަށާފައެވެ.
ދިވެހި ޙައްޖުވެރިންގެ ފްލައިޓުތައް ދެން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17، 18 އަދި 19 ވަނަ ދުވަހު އެވެ.




