ވ. އަތޮޅު އަލިމަތާ ކައިރީގައި ކަނޑުގެ އަޑީގެ ހޮހަޅައަކަށް ފީނަން ދިޔަ އިޓަލީގެ ޑައިވަރުންގެ ތެރެއިން ގެއްލުނު މީހުން ހޯދުމަށް އެމްއެންޑީއެފުން ކުރިއަށްގެންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރަނިކޮށް ކުއްލި ގޮތަކަށް ނިޔާވި، މަރްޙޫމް ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަޙުދީ ރަސްމީ އިއްޒަތުގައި ވަޅުލައިފިއެވެ.
އަލްމަރްހޫމް ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަޙުދީގެ ޖަނާޒާގައި އެތައް ސަތޭކަ ބަޔަކު ވަނީ ބައިވެރިވެފައެވެ.
މި މަހުގެ 14 ވަނަ ދުވަހު ވ. އަތޮޅު އަލިމަތާ ރިސޯޓު ކައިރީ ސަރަހައްދަށް ޑައިވިންއަށް ދިޔަ އިޓަލީގެ ފަތުރުވެރިންތަކެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި އޮޕަރޭޝަނެއްގެ ތެރޭގައެވެ. އެމްއެންޑީއެފަށް މިކަމުގެ މަޢުލޫމާތު ލިބުނީ އެދުވަހުގެ މެންދުރު 13:45 ހާއިރުއެވެ. މި އޮޕަރޭޝަންގެ ތެރެއިން އެކަކު ނިޔާވެފައި އޮއްވާ ކަނޑުގެ 60 މީޓަރު އަޑިން ކޭވްއެއްގެ ތެރެއިން ވަނީ ފެނިފައެވެ.
އެމްއެންޑީއެފުން ކުރިއަށްގެންދިޔަ މި ”ހައި ރިސްކު“ އޮޕަރޭޝަނުގައި ޖުމްލަ 8 ޑައިވަރުން ބައިވެރިވިއެވެ. މި އޮޕަރޭޝަންގައި ހަރަކާތްތެރިވަނިކޮށް ސްޓާފް ސާޖެންޓް މުޙައްމަދު މަޙުދީ ނިޔާވީ ޑީކޯވެގެން މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށް މަޢުލޫމާތު ލިބެއެވެ.
މަރްހޫމް މަޙުދީގެ މޫނު ދެއްކުމާއި ކަށުނަމާދު ކުރިއަށް ގެންގޮސްފައިވަނީ އިސްލާމީ މަރުކަޒުގައެވެ. މަހުދީއަށް އެންމެފަހުގެ އިޙްތިރާމް އަދާކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ކެބިނެޓުގެ ވަޒީރުންގެ އިތުރުން ދައުލަތުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ގިނަ އަދަދެއްގެ އާންމުން ވަނީ އިސްލާމީ މަރުކަޒަށް ޒިޔާރަތްކޮށްފައެވެ.
މަރްހޫމްގެ ސަންދޯއް އައު ސަހަރާއަށް ގެންގޮސްފައިވަނީ އެކަމަށް ޚާއްސަ ކޮށްފައިވާ ވެހިކަލްގައެވެ. ސަހަރާގައި މަރްހޫމަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން 7 ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ.
އަދި މަރުހޫމް މަހުދީގެ ސަންދޯކުގައި އަޅާފައި އޮތް ޤައުމީ ދިދަ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މަރްހޫމްގެ އާއިލާއާ ޙަވާލުކުރެއްވިއެވެ.



