ރާއްޖެއާއި ރާއްޖޭން ބޭރުން އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް ސްކޮލަރޝިޕްތަކާއި ޚާއްޞަ ސްކޮލަރޝިޕް ފުރުޞަތުތަކަށް ކުރިމަތިލުމުގެ ފުރުޞަތު މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު ހުޅުވާލައިފިއެވެ.
ޒަކާތު ހައުސް ވުޖޫދަށް އައިސް މި ސްކޮލަޝިޕް އަލުން ދޭން ފަށާފައިވަނީ ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު މިދިޔަ އަހަރުން ފެށިގެންނެވެ.
ޒަކާތު ހައުސްއިން ވިދާޅުވީ، މި ފުރުޞަތުގެ ދަށުން ޖުމުލަ 30 ސްކޮލަރޝިޕް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން 10 ފުރުޞަތު ރާއްޖޭގައި ކިޔެވުމަށް ކަނޑައަޅާފައިވާއިރު، 20 ފުރުޞަތު ހާއްސަކޮށްފައިވަނީ ރާއްޖޭއިން ބޭރުގައި ކިޔެވުމަށެވެ. މީގެ އިތުރުން ސައުދީ އަރަބިއްޔާއާއި މިޞްރުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ސްޓައިޕެންޑް ލިބޭ ގޮތަށް 5 ފުރުޞަތަކާއި، އަންހެނުންގެ ޞިއްޙަތާ ގުޅުންހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނު ކުރުމަށް 5 ޚާއްޞަ ސްކޮލަރޝިޕްވެސް ވަނީ ތަޢާރަފުކޮށްފައެވެ.
މި ޕުރޮގުރާމުގެ ދަށުން އިސްލާމީ އެކި ދާއިރާތަކުން މާސްޓަރސް ލެވެލް 9 އަދި ޕީއެޗްޑީ ލެވެލް 10 އަށް ކިޔެވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. ކިޔެވުމުގެ ފުރުޞަތު ހުޅުވާލާފައިވާ ދާއިރާތަކަކީ، އިސްލާމީ ޝަރީޢާ، ޤުރްއާނާ ބެހޭ ޢިލްމު، އިސްލާމީ ތަޢުލީމު، އިސްލާމީ ނޫސްވެރިކަން، ޢަޤީދާ އަދި ފިޤުހު، އުޞޫލުލް ފިޤުހު އަދި އިސްލާމީ ލީޑަރޝިޕް ދާއިރާއެވެ.
މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސް ވިދާޅުވީ، މި ސްކޮލަޝިޕްތަކުގެ މަޤްސަދަކީ އިސްލާމީ ދާއިރާތަކުން ތައުލީމު ހާސިލް ކުރުމަށްފަހު، ޤައުމަށް ޚިދުމަތް ކުރުމަށް ރަނގަޅު ޖީލެއް ބިނާކުރުން ކަމަށެވެ.
ޝައިޚް ވިދާޅުވީ އަމާޒަކީ މިދާއިރާތަކުން ދަރިވަރުން ތައުލީމު ހާސިލުކުރުމަށްފަހު ދިވެހިރާއްޖެއަށް، ރާއްޖޭގެ ހާލަތަށް… އިސްލާމީ މުޖުތަމަޢުއަށް ޚިދުމަތް ކުރާނެ ރަނގަޅު ދަރިންތަކެއް ބިނާކުރުން ކަމަށެވެ.
ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް ޤައުމީ ޔުނިވަރސިޓީއާއި ވިލާ، އެވިޑް އަދި ޒިކުރާ ކޮލެޖުން ކިޔެވުމުގެ ފުރުޞަތު އޮންނާނެއެވެ. އަދި ރާއްޖޭން ބޭރުން އަލް އަޒްހަރު ޔުނިވަރސިޓީ، މެލޭޝިޔާގެ އައިއައިޔޫއެމް، ޔުނިވަރސިޓީ ބުރުނާއީ ދާރުއްސަލާމް އަދި އައިއައިޔޫ އިސްލާމްއާބާދު ފަދަ މަޝްހޫރު ޔުނިވަރސިޓީތަކުން ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ސްކޮލަރޝިޕްތަކަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހިން ކަމުގައި ވާންޖެހެއެވެ. އަދި މާލީ އެހީތެރިކަމަށް ބޭނުންޖެހިފައިވާ، އެކަޑަމިކް ޝަރުޠު ހަމަވާ، އަދި އެހެން މުއައްސަސާއަކުން މާލީ އެހީތެރިކަން ލިބެމުންނުދާ ފަރާތްތަކަށް ވާންޖެހޭނެއެވެ. ޒަކާތު ހައުސްއިން ބުނީ ލިސްޓުގައި ނެތް ނަމަވެސް އިސްލާމީ މުޖުތަމަޢު ތަރައްޤީ ކުރުމަށް މުހިންމު ދާއިރާތަކުން ކިޔެވުމަށް ހުށަހެޅުމުގެ ފުރުޞަތުވެސް އޮންނާނެ ކަމަށެވެ.
މި ސްކޮލަޝިޕްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ ޖުލައި 16 ވަނަ ދުވަހުގެ 14:00އެވެ. އެޕްލިކޭޝަންތައް ފޮނުވަންޖެހޭނީ scholarship@zakathouse.gov.mv އީމެއިލް އެޑްރެހަށެވެ.
ދަރިވަރުން ހޮވުމުގެ މަސައްކަތް ކުރާނީ ޒަކާތު ފަންޑުން މަތީ ތަޢުލީމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ޚާއްޞަ ކޮމިޓީއަކުންނެވެ.



