”އަދަދު“ ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރެފައިވާ ގެގް އަމުރު އިސްތިއުނާފު ކުރުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ.
ހައިކޯޓުން މި މައްސަލަ ބަލައިނުގަތުމަށް ނިންމީ، އެމްޖޭއޭއަކީ އިސްތިއުނާފުކުރަން ހުށަހެޅި އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ފަރާތަކަށް ނުވާތީ، އެ އަމުރު އިސްތިއުނާފުކުރުމުގެ ގާނޫނީ ހައްގު އެ ޖަމިއްޔާއަށް ލިބިގެން ނުވާކަމަށް ބަލައިފައެވެ.
ކްރިމިނަލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ނެރުނު މި އަމުރާ ހިލާފުވެގެން ”އަދަދު“ ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނާސިރު ވަނީ ޖަލަށްލައިފައެވެ. އެމްޖޭއޭގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޝަހްޒާން 15 ދުވަހަށް ޖަލަށްލާން ނިންމާފައިވާއިރު، ލީވާން ޖަލަށްލާން ނިންމާފައިވަނީ 10 ދުވަހަށެވެ.
މިދިޔަ މާޗު މަހު އާންމުކުރި މި ޑޮކިއުމެންޓަރީގެ މައްސަލަ ފުލުހުން ބަލަމުންދަނީ ގާނޫނުލްއުގޫބާތުގެ ދަށުން ގަޒްފުކުރުމުގެ ކުށުގެ ތުހުމަތުގައެވެ.
ރައީސް މުއިއްޒު ވަނީ އެ ޑޮކިއުމެންޓަރީގައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.




